ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ކުޅުނު މެޗުތަކުން އިނގިރޭސި ކުލަބު މެންޗަސްޓަރ ސިޓީއާއި ގްރީސްގެ އޮލިމްޕިއާކޯސް މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ މައްޗަށް ސިޓީން ކުރިހޯދީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޕޯޓޯއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ސިޓީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕޯޓޯއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަމްބިއާގެ ޒުވާން ފޯވާޑް ލުއިސް ޑީއާޒްއެވެ.

އޭގެ ހަތަރު މިނެޓުފަހުން ޕޯޓޯގެ ކެޕްޓަން ޕެޕޭ އޭރިއާ ތެރެއިން ސިޓީގެ ކެޕްޓަން ރަހީމް ސްޓަލިންގްއަށް ކުރި ފައުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ސިޓީއަށް ޕެނަލްޓީއެއް ދީފައެވެ. ސާޖިއޯ އަގުއެރޯ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި ލަނޑަށްފަހު މެޗުގެ ކޮންޓްރޯލް ސިޓީއިން ނެގިނަމަވެސް މި ހާފުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ގުންޑޮގަންއެވެ.

މެޗުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ފިލް ފޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ފެރާން ޓޮރޭސްއެވެ.

މީގެއިތުރުން ލީގުގައި ރޭ އޮލިމްޕިއާކޯސް އިން ފްރާންސްގެ މާސެއިގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އޮލިމްޕިއާކޯސް އަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ މިސްރުގެ ފޯވާޑް އަހްމަދު މަހްގޫބްއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނައިގައި މެންޗަސްޓަރ ސިޓީ އޮތީ ތިން ޕޮއިންޓާއި ފައިދާ 2 ގޯލާއި އެކުއެވެ. ދެވަނައިގައި އޮލިމްޕިއާކޯސް އޮތްއިރު ތިންވަނައިގައި އޮތީ މާސެއިއެވެ. އަދި ތާވަލްގެ އެންމެ ފުލުގައި އޮތީ ޕޯޓޯއެވެ.