ސްޕެއިންގެ މީޑިއާތަކުން ބާސެލޯނާގެ އުމުރުން 17 އަހަރުގެ އުންމީދީ ފޯވާޑް އަންސޫ ފަޓީއަށް ނަސްލީގޮތުން ކުރި ފުރައްސާރަ ކުށްވެރިކުރާ ކަމަށާއި އަންސޫ އަށް އިހްތިރާމް ހައްގު ކަމަށް ބާސާއަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއިން ފެރެންކްވަރޮސްގެ މައްޗަށް 1-5 އިން ކުރިހޯދި މެޗަށްފަހު ސްޕެއިންގެ އޭބީސީ ނޫހުން އަންސޫއަށް ނިސްބަތްކޮށް ނަސްލީގޮތުން ކުރި ތަފާތުކުރުން ކުށްވެރިކޮށް ގްރީޒްމަން ވަނީ ސްޕެއިންގެ މީޑިއާތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅެމުންއަންނަ އަންސޫ ފަޓީ ވަނީ ބާސާއިން ބޮޑު ފަރަގަކުން މޮޅުވި މެޗުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި އަންސޫއަށް މަލާމާތުގެ ގޮތަކަށް ތައުރީފުކުރަމުން އެ ނޫހުން ބުނެފައިވަނީ ލަނޑު ޖެހުމަށް އަންސޫ މަސައްކަތްކުރަމުން ދިޔައިރު ސިފަވީ ކަޅު ނަސްލުގެ މީހުން ރޭގަނޑު މަގުތަކުގައި މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް ފުލުހުން އައުމުން އެމީހުންގެ ކައިރިން ސަލާމަތްވާން ދުވާ ކުށްވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި އިދިކޮޅު ޓީމުގެ ޑިފެންޑަރުން ކައިރިން ސަލާމަތް ވުމަށް އަންސޫ މުޅި ހަށިގަނޑު އަނބުރާލާއިރު އެންމެ ވައްތަރީ ދަޅުފީނި ފުއްލާ އާއި ދާދި ވައްތަރު ގޮތެއް ހުންނަ ޖަނަވާރެއް ކަމަށްވާ "ގަޒެލް" އަކާއި ކަމަށްވެސް އޭބީސީގައި ޝާއިއުކުރެވުނު ރިޕޯޓެެއްގައި ލިޔެފައިވެއެވެ.

މި ރިޕޯޓް ފެނުމާއެކު ގްރީޒްމަން ވަނީ އޭބީސީގެ ރިޕޯޓް ކުށވެރިކޮށް އަންސޫގެ ދިފާއުގައި ޓުވީޓެއް ކޮށްފައެވެ. ނޫޙުން ޝާއިރުކުރި ހަބަރުގެ ބައެއް ތަންތަނުގެ ސްކްރީންޝޮޓްތަކެއް އެޓޭޗްކޮށް ގްރީޒްމަން ކުރި ޓުވީޓުގައި ބުނެފައިވަނީ އަންސޫއަކީ އެއުމުރެގެ އެހެން ކުޅުންތެރިންނާއި އަޅާ ބަލާއިރު ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އެހެން ހުރިހާ އިންސާނުންނެކޭ އެއްފަދައިން އަންސޫއަށްވެސް އިހްތިރާމްކުރަން ޖެހޭނެކަމަށްވެސް ގްރީޒްމަންގެ ޓުވީޓުގައި ބުނެފައިވެއެވެ.

ފާއިތުވި ސީޒަނުގައި އަންސޫ ބާސާގައި ވިދާލިއިރު ޔޫރަޕުގެ ފުޓުބޯޅައިގަވެސް މިވަގުތު ޓޮޕް ލެވެލްގައި ކުޅެމުންދާ އެންމެ ހަނގު އެއް ކުޅުންތެރިއަކީ އޭނާއެވެ. އަދި މި ސީޒަނުގައި ބާސާއަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ.

ބުރަ މަސައްކަތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދަމުންދާ އަންސޫއަކީ އެކުގައި ކުޅޭ ކުޅުންތެރިންނާއި އިދިކޮޅު ޓީމުތަކުގެ ކުޅުންތެރިންގެ އިހްތިރާމުވެސް ހޯދަމުންދާ ހިތްތިރި ކުޅުންތެރިއެކެވެ. އަދި އަބަދުވެސް މީޑިއާތަކާއި ވާހަކަދައްކަމުން ވެސް އަމިއްލަ މޮޅުކަމުގެ ވާހަކަ ނުދައްކާ، ނޫސްވެރިން އެވާހަކަ ދެއްކި ނަމަވެސް އޭނާއަށް ލިބުނު ކުރިއެރުމަކީ ބާސާގެ މުޅި ޓީމުން އޭނާއަށް ހޯދައިދިން ކުރިއެރުމެއް ކަމަށް ބުނެ ހުރިހާ ޝުކުރެއް ހައްގުވަނީވެސް ބާސާއަށް ކަމަށް ތަކުރާރުކޮށް އަންސޫ ދަނީ ބުނަމުންނެވެ.