ޔުނައިޓެޑް ވިކްޓްރީ ދޫކޮށް ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) މިއަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށް ސޮއިކޮށްފިއެވެ.

ކުލަބް ވެލެންސިޔާއިން 2008 ގައި ކެރިއަރު ފެށި ޝާފީ ވިކްޓްރީއަށް ސޮއިކުރީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު 2013 ގައި މާޒިޔާއާއި ގުޅުމަށްފަހު އެ ޓީމުގައި މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.

އެއަށްފަހު އޭނާ ދެން ފެނުނީ ނިއުރޭޑިއަންޓުންނެވެ. އެ ކުލަބުގައި ދެ އަހަރު ހޭދަކުރުމަށްފަހު 2016 ގައި އޭނާ ބަދަލުވީ އަނެއްކާވެސް ކުލަބް ވެލެންސިޔާއަށެވެ. ނަމަވެސް އެ ކުލަބަށް ޕްރިމިއަރ ލީގުން ފުރުސަތު ގެއްލުމުން އެ އަހަރުގެ ފަހުކޮޅު އޭނާ ބަދަލުވީ ކުލަބް ގްރީންސްޓްރީޓްސް އަށެވެ. އެއަށްފަހު ދެން ބަދަލުވީ ވިކްޓްރީއަށެވެ.

ވިކްޓްރީގައި ޝާފީ ކެޕްޓަންކަން ކުރި ނަމަވެސް އެ ކުލަބު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އެ ފަހަރަކީ ވިކްޓްރީގެ ތާރީހުގައި އެންމެ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު އަހަރެވެ. އެގޮތުން މުސާރައިގެ މައްސަލަ ޖެހި ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން މެޗުތައް ނުކުޅެ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޝާފިއު ވަނީ ގޮންޖެހުންތަކާއެކު އެ ކުލަބުގައި ލީޑަޝިޕް ދައްކާފައެެވެ.

އެއަށްފަހު އޭނާ ގުޅުނީ ޔުނައިޓެޑް ވިކްޓްރީއަށެވެ. އެ ކުލަބުގައި ޝާފީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ގައުމީ ޓީމުގައި ވެސް މުހިއްމު މެޗުތަކެއް މީގެކުރިން ކުޅެފައިވާ ޝާފީ އަކީ ގަވާއިދުން ގައުމީ ޓީމުން ޖާގަހޯދަމުން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ 3 ސާފް ޗެމްޕިއަންޝިޕެއް ކުޅެފައެވެ.

ޝާފީގެ އިތުރުން ޓީސީގެ ކެޕްޓަންކަން ކުރި ފައްރަ ވެސް ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށް ސޮއިކޮށްފައެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.

ސަސް އިން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ މަގާމު ހޯދައިގެންނެވެ. ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 13 ޑިސެމްބަރުގައެވެ.

މިއަހަރުގެ ލީގުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. އެއީ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.