އިގިރޭސި ޕްލރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފިއެވެ.

ގާޑިއޯލާ ބުނީ މި ސީޒަނުގައި އެހެން އަހަރުތަކާ ބަލާފައި ކުޅުންތެރިންގެ މަސްތަކަށް ދިމާވާ މައްސަލަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި ސީޒަނުގައި 47 ޕަސެންޓު މަސްކުއިލާ އަނިޔާ އިތުރުވެފައިވާ ކަމަށް ގާޑިއޯލާވަނީ ބުނެފައެވެ.

މިދިޔަ އޯގަސްޓު މަހުގައި ޕްރިމިއާ ލީގުގައި ފަސް ބަދަލު ބޭނުންކުރުމަށް ލީ ވޯޓުގައި ކުލަބުތަކުން ވޯޓުލީ މި ސީޒަނުގައި ފަސް ބަދަލު ނުކުރެވޭ ގޮތަށެވެ. ނިމިދިޔަ ސީޒަނުގައި ލޮކްޑައުނަށްފަހު ޖޫން މަހުން ފެށިގެން ޕްރިމިއާ ލީގުންވަނީ ފަސްބަދަލު ބޭނުންކޮށްފައެވެ. ނަމަވެސް މިސީޒަނުގައި ކުލަބުތަކުން ނެގިވޯޓުން ސީޒަންފެށީ ތިން ބަދަލު ބޭނުންކުރެވޭ ގޮތަށެވެ.

މި ސީޒަނުގައި ސިޓީގެ އެކި ކުޅުންތެރިންނަށް މިހާތަނަށް ވަނީ އަނިޔާވެފައެވެ. އޭގެތެރޭގައި ސަޖިއޯ އެގުއާރޯ، ގެބްރިއަލް ޖީސަސް، ބެންޖިމަން މެންޑީ އަދި ނަތާން އަކީ ހިމެނެެއެވެ.

ނޫސްވެރިން ފަސް ބަދަލު ބޭނުންކުރުމުގެ ހިޔާލާމެދު ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ 100 ޕަސެންޓު އެމީހުން މިހާރު ބޭނުންކުރަންޖެހޭ ކަމަށެވެ.

"ޕްރިމިއާ ލީގުގައި މި ސީޒަނުގައި 47 ޕަސެންޓު އިތުރުވެއްޖެ މަސްގަނޑަށް ލިބޭ އަނިޔާ ، އެއީ ގިނަ މެޗުތަކަށް ރަނގަޅަށް ތައްޔާރު ނުވެވޭތީ ، އެހެން ލީގުތަކުން އެބަ ބޭނުންކުރޭ ފަސްބަދަލު، އެއީ ކުޅުންތެރިންގެ ރައްކަލަކަށް ވަކި ޓީމެއް ސަލާމަތްކުރާކަށް ނޫން " ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ މި ވާހަކަތަކަށް ބައެއް ކުލަބުތަކުން ވަނީ ތާއިދުކޮށްފައެވެ. އެގޮތުން ޔުނައިޓަޑުގެ ކޯޗު ބުނީ އޭނާއަށް ގިނަ ކުލަބުތަކުން އެކަމާ ދެކޮޅަށް ވޯޓުލީ ކީއްވެކަން ނޭނގޭ ކަމަށާއި ޓީމުތަކުން ކުޅުންތެރިންނަށް ބަލަން ޖެހޭނެކަމަށެވެ. މީގެ އިތުރުން ޗެލްސީގެ ކޯޗު ލަމްޕާޑުވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފައެވެ.