އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީގެ ކޯޗުކަންކުރުމަށް ފަހު އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ދެން ބޭނުންވަނީ ފުޓުބޯޅައިގެ ބްރޭކެއް ނެގުމަށް ކަމަށާއި އެއަށްފަހު ދެން ބޭނުންވަނީ ގައުމީ ޓީމެއްގެ ކޯޗުކަން ކުރުމަށް ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާގެ ފުޓުބޯޅަ ކޯޗިން ކެރިއަރު މިހާތަނަށް ހޭދަކޮށްފައިވަނީ ކުލަބް ފުޓުބޯޅައިގައެވެ. އޭނާގެ ކޯޗިން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ސްޕެއިންގެ ބާސެލޯނާއިންނެވެ. އެ ކުލަބުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކްގައި ތިން އަހަރު ހޭދަކުރި އެވެ. ދެން އޭނާ ފެނުނީ މެންޗެސްޓަރ ސިޓީންނެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވީ 2016 ގައެވެ. ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ގައެވެ. އެހެންކަމުން ސިޓީގެ ކޯޗުކަމުގައި ޖުމްލަ ހަތް އަހަރު އޭނާ ހޭދަކުރާނެ އެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ ދިގު މުއްދަތަކަށް ޓީމަކަށް ކޯޗުކަންކުރި ފަހަރެވެ.

ސްޕެއިންގެ ޓީވީއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ ފުރުސަތެއް އޮތްނަމަ ދެން އޮތް ޗެލެންޖަކީ ގައުމީ ޓީމެއްގެ ކޯޗުކަން ކުރުން ކަމަށާއި ސިޓީގެ ކޮންޓްރެކްޓް ހަމަވުމުން ހުއްޓާލަން ވިސްނާ ކަމަށެވެ.

ސިޓީ އަށް ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ގާޑިއޯލާ ބުނީ 2023 ވަނަ އަހަރަށް ފަހު ސިޓީން ދިއުމުގެ ވިސްނުން އެބަހުރި ކަމަށާއި ދެން އޮތް ޗެލެންޖަކީ ގައުމީ ޓީމެއް ކަމަށެވެ. ގާޑިއޯލާ ވަނީ ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން މުސްތަގްބަލުގަި ފެނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    ޞުބުޙާނައްﷲ އަވަހަށް އެސޮރު ރާއްޖެއަށް ގެނެސް މިގައުމުގެ ގައުމީޓީމުގެ ކޯޗުކަން ދޭންވީނުން.