ކޮވިޑް-19 އިން ރަނގަޅުވެ މިހާރު މިހުރީ ގަދަވެ ސަލާމަތުން ކަމަށާއި އިތުރަށް މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ޕޯޗުގަލާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކޮވިޑް-19 އަށް އެންމެ ފަހުން ކުރި ޓެސްޓުތަކުން ނައްސިވެ ރޭ ޔުވެންޓަސްއިން ސްޕެޒިއާގެ މައްޗަށް 1-4 އިން ކުރިހޯދި މެޗަށްފަހު ވާހަކަދައްކަމުން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވާ ކަމަށާއި މިވަގުތު އެންމެ މުހިންމު ކަމަކީ އެއީ ކަމަށެވެ.

ކޮވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓުތަކަށް ފާޑު ކިޔާ، އޭނާގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ކުރި ޕޯސްޓުތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރޮނާލްޑޯ ބުނީ އެކަމާއި ގުޅޭގޮތުން ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ނެތް ކަމަށާއި މިވަގުތު އޭނާއަށް އެންމެ މުހިންމު ކަމަކީ ގަދަވެ ސަލާމަތުން ހުރެ އަނބުރާ ކުޅުމުގެ ތެރެއަށް އާދެވުން ކަމަށާއި އޭނާ މިހުރީ އެނބުރި އައިސް ކަމަށެވެ.

ރޭގެ މެޗުގައި އެއްވަރުވާން ދިޔަ ޔުވެންޓަސްއަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރާ ރޮނާލްޑޯ ވަނީ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ މެޗުން ޔުވެންޓަސް މޮޅުކޮށްދީފައެވެ. އަދި 35 އަހަރުގައިވެސް އޭނާއަކީ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

ރޮނާލްޑޯ ވަނީ މިސީޒަނުގައި އެޓީމަށް ކުޅެދިން ތިން މެޗުން ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފާއިތުވި ސީޒަނުގައި 46 މެޗުން އެޓީމަށް 37 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯގެ ބޮޑު އެހީތެރިކަމަކާއެކު ޔުވެންޓަސް ރޭގެ މެޗުން މޮޅުވި އިރު އެޓީމު އޮތީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލްގެ ތިންވަނައިގައި ކުޅުނު ހަ މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ.

ތާވަލުގެ އެއްވަނައިގައި އޭސީ މިލާން އޮތީ ހަ މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ޔުވެންޓަސް ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގައި މިމަހުގެ 4 ވަނަ ދުވަހު ހަންގޭރީގެ ފެރެންކްވަރޮސްއާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެއައްފަހު މިމަހުގެ އަށް ވަނަ ދުވަހު އެޓީމުން އިޓާލިއަން ލީގުގައި ލާޒިއޯ އާއި ދެކޮޅަށް ނުކުންނާނެއެވެ.