ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ރޭ އިޓަލީގެ ޗެމްޕިން ޔުވެންޓަސް އިން ހަންގޭރީގެ ފެރެންކަވަރޯސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދިއިރު ސްޕެއިންގެ ގަދަބާރު ބާސެލޯނާ ޔޫކްރެއިންގެ ޑައިނެމޯ ކިޔޭވް އަތުން ހަނި މޮޅެއް ހޯދައިފިއެވެ.

ފެރެންކްވަރޯސްގެ ޕުސްކަސް އެރީނާގައި ކުޅުނު މެޗުން އެޓީމުގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 1-4ގެ ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައި ވެއެވެ.

ޔުވެންޓަސް އިންވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ލޯން ޓްރާންސްފަރ އެއްގައި އެޓީމާއި ގުޅުނު އަލްވާރޯ މޮރާޓާއެވެ.

ޔުވެންޓަސްގެ ދެވަނަ ލަނޑަކީވެސް މޮރާޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ޕައުލޯ ޑީބާލާ ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ޔުވެންޓަސްއަށް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިލަނޑަކީ ފެރެންކްވަރޯސްގެ ކީޕަރާއި ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މުޅިން ހުސްގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޑީބާލާ ކާމިޔާބުކުރި ލަނޑެކެވެ.

ޔުވެންޓަސްގެ ފަހުލަނޑަކީ ޑީބާލާ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ދަނޑީގައި ޖެހިފައި އައުމުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފެރެންކްވަރޯސްގެ ޑިފެންޑަރު ލަޝާ ޑްވާލީ ބައިކޮޅަށް ބޯޅަ ވައްދާލައިގެން ޔުވެންޓަސްއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ. ފެރެންކްވަރޯސްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ފްރޭންކް ބޮލީ ކާމިޔާބުކުރި ލަނޑެކެވެ.

މިގުރޫޕުގެ ދެވަނަ މެޗުގައި ބާސެލޯނާ ޑައިނަމޯ ކީވް އަތުން މޮޅުވީ 1-2ގެ ހަނި ނަތީޖާއަކުންނެވެ.

ބާސާގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކީވްގެ ޑެނިސް ޕޮޕޯވް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މެސީ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތިން މެޗުން މެސީ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި މިތިން ލަނޑުވެސް އޭނާ ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީއިންނެވެ.

ބާސާގެ ދެވަނަ ލަނޑަކީ ދެވަނަ ހާފުގައި އަންސޫ ފަޓީ ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ކީވް އިން ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ބެންޖަމިން ވާބިކް ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ޓަރ ސްޓާޖެން އަތުގައި ޖެހިފައި ރިބައުންސަށް އައުމުން ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ވިކްޓަރ އެވެ.

މިނަތީޖާތަކާއި އެކު އަދިވެސް މިގުރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ބާސެލޯނާއެވެ. ދެވަނައިގައި ޔުވެންޓަސް 6 ޕޮއިންޓާއެކު އޮތް އިރު ތިންވަނައިގައި އޮތީ ޑައިނަމޯ ކީވް އެވެ. އަދި ތާވަލުގެ ފުލުގައި އޮތީ ފެރެންކްވަރޮސް އެވެ.