ޔުއެފާ ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ނަތީޖާތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ފައިނަލް ބުރު ޔަގީންވިކަމުގައި ވީ ނަމަވެސް ބޭނުންވަނީ ފަހު މެޗު މޮޅަކުން ނިންމަން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފއެވެ.

ފައިނަލް ބުރު ޔަގީންކޮށްފައިވާ ފްރާންސް ގްރޫޕުގެ ފަހު މެޗުގައި މިރޭ ސްވިޑަންއާއި ދެކޮޅަށް ނުކުންނާނެއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ބުނީ ސްވިޑަން އަކީ ވަރުގަދަ ޓީމެއް ކަމަށާއި މެޗުން މޮޅެއް ހޯދުމަކީ ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ.

ގްރޫޕްސްޓޭޖުގައި މިހާތަނަށް ކުޅުނު މެޗުތަކުން ޓީމުގެ ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހާމަވެގެން ހިނގައްޖެ ކަމަށާއި ކުރިޔަށްއޮތް ތަނުގައި އެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ކޯޗު ބުންޏެވެ. އަދި ސްވިޑަން މެޗުގައި ބޮޑަށް ބަލާނީ އެކަންކަން ރަނގަޅުކުރުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.

މި މެޗަކީ މާބޮޑު ބަރުދަނެއް ނެތް މެޗެއްކަމުގައި ވީ ނަމަވެސް ބައިނަލްއަގުވާމީ މެޗަކަށްވުމުން މެޗުގައި ފްރާންސްއިން ކުޅޭނީ ރަނގަޅު ނަތީޖާއަކަށް ކަމަށްވެސް ފްރާންސްގެ ކޯޗު ޑިޝޯމްޕްސް ބުންޏެވެ.

މި މެޗަކީ ސްވިޑަންއަށް މުހިއްމު މެޗެކެވެ. އެއީ ރެލިގޭޓުނުވެ ސަލާމަތްވުމަށް މި މެޗުން އެ ޓީމު ތިން ޕޮއިންޓް ހޯދަން ޖެހޭތީއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސްއާއި ސްވިޑަން ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ 00:45 ގައެވެ. އެ ގަޑީގައި މި ގްރޫޕުގެ އަނެއް މެޗު ކަމަށްވާ ޕޯޗުގަލްއާއި ކްރޮއޭޝިއާވެސް ބައްދަލުކުރާނެ އެވެ.