ޖުމްލަ 26 ޓީމާއެކު ފެށި "ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖުގެ ދެވަނަބުރާއި ހިސާބަށް އައި އިރު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަވެރި ، އަދި ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔައެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ދެވަނަބުރުގެ ޓީމުތައް ކަށަވަރުވެފައިވާއިރު ދެވަނަ ބުރުގައިވެސް ފޯރިގަދަ ކުރިމަތިލުންތަކެއް އެބަހުއްޓެވެ.

ހުނަރުވެރި ފުޓްސަލް "ކިންގް" ތަކުގެ ޖާދުވީ ކުޅުންތަކާއި ހިތްގައިމު ގޯލުތައް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔައެވެ. މިހާހިސާބުން މި ބަލާލަނީ ދެވަނަބުރުގައި ކުޅޭނެ ޓީމުތަކުގެ ކުރިމަތިލުންތަކަށެވެ.

އެފްސީ އުސްގަނޑަ - އެފްސީ ހަބޭސް

މިއީ މުބާރާތުގެ ދެވަނަބުރުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމެވެ. އުސްގަނޑަ އަކީ ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އެ ޓީމު އެއްވަނަ ހޯދީ ގްރޫޕުގެ ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އަނެއްކޮޅުން ވާދަކުރާ އެފްސީ ހަބޭސް އަކީ ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ. ދެވަނަބުރުގެ ފުރަތަމަ މެޗުގައި ވާދަކުރާ ދެ ޓީމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންތަކެއް ކުޅެއެވެ.

އެންމެފަހުގެ ޗެމްޕިއަން އުސްގަނޑަ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހުސެއިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ އާރުކާޓީގެ ދަށުން ގްރޫޕް ސްޓޭޖުގައި އޭނާގެ ލީޑަޝިޕް ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ އެވެ. އަނެއްކޮޅުން އަހުމަދު އަޔާޒް (އަޔާ) ، އަހުމަދު މުއާޒް ވެސް ވަނީ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެފްސީ ހަބޭސް ޓީމަކީ މި މުބާރާތުގެ އެންމެ ފެވަރިޓް ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ. ކުޅުންތެރިންނަށް ބަލާލިނަމަވެސް އުސްގަނޑަ އާއި ވަކި ދޫ ދޭނެ ކުޅުންތެރިންނެއް އެ ޓީމަކު ނެތެވެ. ގްރޫޕް ބީގެ ދެވަނައިގައި އެ ޓީމު އޮތްނަމަވެސް މިއީ ވަކި ދަށް ޓީމެއް ނޫނެވެ. އަލީ ހާފިޒް (ހާއްޕެ) ގެ ޖާދޫތައް ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔައިރު، އިބްރާހިމް އަޝްވާޑު (ގަބޭ) ،އަލީ ލިރުއާމް (ލިރޫ) ފަދަ ކުޅުންތެރިންނާއެކު ހަބޭސް އަކީ ވަރުގަދަ ޓީމެކެވެ.

ލޮނަ އެފްސީ - ހޯދަޑު ސްޕޯޓްސް

އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ ލޮނަ އެފްސީއަކީ މި މުބާރާތުގައި ގްރޫޕް ސީގެ އެއްވަނައެވެ. ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، އަދި އެއް މެޗު އެއްވަރުކޮށްގެން އެ ޓީމު އެއްވަނައިގައި އޮތީ ގްރޫޕުގައި ކުޅުނު ހުރިހާ މެޗަކުންވެސް ތަފާތު ދައްކައިގެންނެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ މި ޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާއެވެ. އެގޮތުން މުބާރާތުގައި މިހާހިސާބަށް އައި އިރު އޭނާ ވަނީ އަށް ގޯލު ޖަހައި، ގިނަ ގޯލުތަކެއް ޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން މުހައްމަދު ސުޖާން، އަލީ ނާފިއު ފަދަ ކުޅުންތެރިންނަކީ މި ޓީމުން ތަފާތު ނެރެދެވޭ ފެންވަރުގެ ކުޅުންތެރިންނެވެ.

އަނެއްކޮޅުން ފުވައްމުލަކު ހޯދަޑު އަވަށުން މި މުބާާރާތުގައި ވާދަކުރާ ހޯދަޑު ސްޕޯޓްސްއަކީ ވެސް ވަރުގަދަ ޓީމެކެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި އެ ޓީމަށް މޮޅުވެވުނީ އެއް މެޗުންނެވެ. އަނެއް ދެ މެޗުން އެ ޓީމު ވީ އެއްވަރެވެ. ނަމަވެސް ހޯދަޑު ޓީމުގެ އިނާން އަހުމަދު، އަލީ މުއާޒް ، އިސްމާއިލް މަފާޒް އިބްރާހިމް (މަފާ) ފަދަ ކުޅުންތެރިންނަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިންނެވެ.

މާލެގަން ސްޕޯޓްސް ކުލަބް - އެފްސީ ޓޮޕް ބްރަދާސް

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިސިޕްލިންއެއްގައި ޓީމެއްގެ ސިފައިގައި ފެންނަ އެއް ޓީމަކީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މާލެގަން ސްޕޯޓްސް ކުލަބެވެ. ގްރޫޕް އީގެ އެއްވަނައިގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ މާލެގަން ޓީމުން އެންމެ ފާހަގަކުރެވެނީ ޓީމެއްގެ ސިފައިގައި އެ ދައްކާ ކުޅުމެވެ. މުބާރާތަށް ވަގުތު އޮއްވާ އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީވެސް މާލެގަން ސްޕޯޓްސް ކުލަބެވެ. މުހައްމަދު ތަޝްމީން، އިބްރާހިމް އަރީޝް އަދި ހުސެއިން ޝާރިހު އަކީ މި ޓީމުގައި ހިމެނޭ ފޭވަރިޓުންނެވެ. އެ ޓީމު ކުޅުނު ހުރިހާ މެޗަކުންވެސް އެންމެ ބޮޑު ތަފާތެއް ފެންނަނީ މި ކުޅުންތެރިންގެ ފަރާތުންނެވެ.

ގއ.ނިލަންދޫއިން މި މުބާރާތުގައި އަލަށް ވާދަކުރާ އެފްސީ ޓޮޕް ބްރަދާސް ޓީމަކީ ފާހަގަކޮށްލެވޭ ޓީމެކެވެ. މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ހުޒެއިފަތު ރަޝީދު (ހުޒޭ) ކުޅޭ މި ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ގިނަ ލަނޑުތަކެއް ޖަހާފައެވެ. ގްރޫޕް ސްޓޭޖުގެ ވަކި ހިސާބަކުން އިޝާން އިބްރާހިމް (ސައްޓު) ވެސް އެޓީމާއި ގުޅި، ހުޒޭއާއެކު ރަނގަޅު ކޮމްބިނޭޝަން އެޓޭކުތައް އުފެއްދިއެވެ. މެޗަކަށްފަހު މެޗެއް އެ ޓީމު ދަނީ ޓީމެއްގެ ސިފައިގައި ކުޅުން ރަނގަޅުކުރަމުންނެވެ. މީގެއިތުރުން މައުފޫޒް އާދަމް، ޔޫނުސް އަންވަރު ފަދަ ކުޅުންތެރިން މި ޓީމުން ފާހަގަކޮށްލެވެއެވެ.

ޒެލޯން - އެފްސީ ޒިރަފޯން

އައްޑޫސިޓީ މަރަދޫއަށް ނިސްބަތްވާ ޒެލޯންއަކީ މި މުބާރާތުގެ އެންމެފަހުގެ ރަނަރަޕެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ދެވަނަބުރުގައި އެ ޓީމު ވާދަކުރަނީ ގްރޫޕް ސްޓޭޖުގެ ތިންވަނަ ޓީމުތަކުގެ މެދުގައި ނެގި އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އަލީ ޝާޒް ހަބީބު، ހަސަން އަތޫފް އަކީ ގްރޫޕް ސްޓޭޖުގައި މި ޓީމުން ފާހަގަކޮށްލެވުނު ކުޅުންތެރިންނެވެ. ތިންވަނައިގައި އޮވެ މުބާރާތުގެ ދެވަނަބުރަށް ދަތުރުކުރި ނަމަވެސް މި ޓީމަކީ އަދިވެސް ވަރުގަދަ ޓީމެއްކަން އެ ޓީމުން މީގެކުރިން ނެރެފައިވާ ނަތީޖާތަކުން ސާބިތުވެއެވެ.

އެފްސީ ޒިރަފޯން އަކީވެސް ގްރޫޕް ސްޓޭޖުގައި މި މުބާރާތުން ފާހަގަކޮށްލެވޭ ޓީމެކެވެ. ގްރޫޕް އޭގެ ތިންވަނަ ޓީމުގެ ހައިސިއްޔަތުން ދެވަނަބުރުގެ ޖާގަ ކަށަވަރުކުރި މި ޓީމު މޮޅުވެފައިވަނީ ގްރޫޕް ސްޓޭޖުގެ އެއް މެޗުންނެވެ. ގްރޫޕް އޭ އިން މި ޓީމު ކުޅުނު ދެ މެޗުން އެ ޓީމު ވީ ބައްޔެވެ.

އެފްސީ ސްޕްރިންޓް - ގަބުރު އެފްސީ

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއް ފޭވަރިޓަކީ އެފްސީ ސްޕްރިންޓެވެ. މި ޓީމުގައި އެންމެ ފޯމު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދަނީ އުއްމީދީ ކުޅުންތެރިޔާ އިސްމާއީލް ވިފާގެވެ. މުބާރާތުގެ ލަނޑު ލިސްޓުގެ ތިންވަނައިގައި އޭނާ އޮތީ 12 ގޯލު ޖަހައިގެންނެވެ. މީގެއިތުރުން ގިނަ ލަނޑުތަކެއް ޖެހުމަށް އޭނާ ވި އެހީތައް ފާހަގަކޮށްލެވެއެވެ. ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކުރި މި ޓީމާއި ވާދަކުރާ ގަބުރު އެފްސީއަކީ އެޓީމަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެކެވެ.

ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކުރި މި ޓީމުގެ އެންމެ ބޮޑު ތަފާތަކީ ޓީމެއްގެ ސިފައިގައި އުފައްދާ ހަމަލާތަކެވެ. ގްރޫޕް އީގެ ދެވަނަ މަޤާމުގައި އޮތް މި ޓީމަކީ ސްޕްރިންޓަށް ކުރިމަތިލާން ޖެހޭނެ ބޮޑު ޗެލެންޖެކެވެ. މި ޓީމުގައި ހިމެނޭ މުހައްމަދު ރަޔާން ވަނީ ގްރޫޕް ސްޓޭޖުގައި ތިން ލަނޑު ޖަހާފައެވެ. އަދި އޭނާ ކުޅުނު މެޗުތަކުން އޭނާގެ ނުރައްކާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ އެވެ.

އޭއާރުސީ - ޑީސީ ސްޕޯޓްސް

އައްޑޫ އެއާޕޯޓް ރެކްރިއޭޝަން ކުލަބު (އޭއާރުސީ) މި މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައި ހޮވި، ހަ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ނަމަވެސް ގްރޫޕުގައި އެ ޓީމަށް މޮޅުވެވުނީ ފާހި ސްޕޯޓްސް ކުލަބް އަދި ފޯޓީ ޕްލަސް އަތުން އެކަންޏެވެ. މި ޓީމުގައި ހިމެނޭ އަހުމަދު ޒައުލް ނާސިމް އާއި މުހައްމަދު ފަޒީލް އަދި ހުސެއިން ޝިފާޒް ފަދަ ކުޅުންތެރިންނަކީ މި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ޑީސީ ސްޕޯޓްސްއަކީ ގްރޫޕް ބީގެ ތިންވަނަ ޓީމެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތާވަލުގެ ފުލުގައި އޮތް ޖަންޓާ ގަރާޖު އަތުން އެކަންޏެވެ. ގްރޫޕް ސްޓޭޖުން މި ދެ ޓީމަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުން ނަމަވެސް މެޗަކަށްފަހު މެޗެއް މި ދެ ޓީމުން ދިޔައީ ރަނގަޅު ކުރަމުންނެވެ.

ދިގުވާނޑު ސްޕޯޓްސް ކުލަބް - އެފްސީ ބޭރުމަތި

މުބާރާތުގައި އެންމެ އިތުބާރާއެކު ކުޅެމުން އަންނަ އެއް ޓީމަކީ ދިގުވާނޑު އެވެ. ފުވައްމުލަކު މި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މުޅި މުބާރާތުގައި ވެސް އެންމެ މަސައްކަތު ރޭޓު ރަނގަޅު ކުޅުންތެރިއަކީ އާދަމް ލަރީފް (ރޮނާ) އެވެ. އޭނާ ވަނީ މި މުބާރާތުގައި އެ ޓީމު ދެވަނަ ބުރަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމު ދަތުރުކުރިއިރު، މި މެޗަކީ އެފްސީ ބޭރުމަތި ޓީމަށް ފަސޭހަވާނެ މެޗެއް ނޫނެވެ.

މި މުބާރާތުގެ ދެ ފަހަރުގެ ޗެމްޕިއަން ބޭރުމަތި ޓީމަކީވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. އަހުމަދު ނާޝިދު (ނާއްޓޭ) އާއި އާދަމް ނާސިހު (އާދަންނާ) އާއި ކާމިޔާބު ފުޓްސަލް ކައްޕި އިބްރާހިމް ސިނާހު (ސިނާ) އާއެކު މި ޓީމަކީ ވަރުގަދަ ޓީމެކެވެ. މި ޓީމުގެ އެންމެ ވަރުގަދަ އެއް ޑިޕާޓްމެންޓަކީ ޑިފެންސްލައިނެވެ. އެ ޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ ރަނގަޅު ޑިފެންސިވް ރެކޯޑަކާއެކު އެވެ.

މައިލޯ ސިޓީ އެފްސީ - އެފްސީ ރޯދި

މުޅި މުބާރާތުގައި އެންމެ ރީތި ގޯލުތައް ޖަހާފައިވަނީ މައިލޯ ސިޓީ އެފްސީންނެވެ. ވަކިން ހާއްސަކޮށް އަބްދުﷲ ޝައްފާން (ޝާކާ) ގެ ހުނަރުވެރިކަން ގްރޫޕް ސްޓޭޖުން އެކަނިވެސް ވަނީ ފެނިގެންގޮސްފައެވެ. އޭނާ ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެކަނިވެސް 12 ލަނޑު ޖަހާފައެވެ. ޝާކާ އަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ލަނޑު ޖެހުމުގެ ޤާބިލުކަން ހުރި ކުޅުންތެރިއެއް ކަން އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ސާބިތުކޮށްދީފައެވެ. މީގެއިތުރުން އިސްމާއިލް މުނީޒްގެ ކުޅުންވެސް ފާހަގަކޮށްލެވެއެެވެ. ފޯވާޑް ލައިނުގެ އިތުރުން އެ ޓީމުގެ ފަހަތަކީވެސް އެހާމެ ވަރުގަދަ ފަހަތެކެވެ. މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ފޫއަޅުވާލުމަކީ ވެސް ރޯދި ޓީމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި އޮތް އެފްސީ ރޯދި ޓީމަކީވެސް މޮޅު ޓީމެކެވެ. އެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އީމާން ނަޒީރު، މުހައްމަދު އިންޝާލް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.