"ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގެ ޖާގަ ހޯދާފައިވާ މައިލޯ ސިޓީ އެފްސީގެ ސަޕޯޓަރުންގެ ފަރާތުން އަހުލާގީގޮތުން ދަށް ފެންވަރުގެ ވާހަކަ ދެއްކުމާއި، ދަނޑަށް ގެއްލުންދިން މައްސަލައިގައި އެ ޓީމު 2000 (ދެހާސް ރުފިޔާ) އިން ޖޫރިމަނާކޮށްފިއެވެ.

މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން މި ނިންމުން ނިންމީ 7 ޑިސެމްބަރުގައި މައިލޯ ސިޓީގެ ސަޕޯޓަރުންގެ ފަރާތުން އަހުލާގީގޮތުން ދަށް މިންގަނޑުގެ ކަންކަން ފާހަގަކުރެވިފައިވާތީ އެކަަން އިސްލާހުކުރުމަށް ލިޔުމުން އެންގުމަށްފަހު އެވެ.

ނަމަވެސް މުބާރާތުގެ ކުއާޓާފައިނަލުގައި ރޭ އެފްސީ ބޭރުމަތި ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް މި ކަންކަަން ތަކުރާރުވެ، ގިނަ އަދަދެއްގެ ކުޑަކުދީންނާއި އެކި އުމުރުގެ މީހުންގެ ތެރޭގައި ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި، ދަނޑުގެ ޕިޗް އޭރިއާ ވަށައިގެން ޖަހާފައިވާ ފެންސު ދަގަނޑު މައްޗަށް އަރައި ފެންސާއި ގޯލު ފަހަތުގައި ހަރުކޮށްފައިހުރި ދަގަނޑަށް ޓީމުގެ ސަޕޯޓަރުން ގެއްލުންދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ބުނެއެވެ.

މި ސަބަބުތަކާއި ގުޅިގެން މައިލޯ ސިޓީ އެފްސީ ޖޫރިމަނާކޮށްފައިވަނީ މުބާރާތުގެ ޤަވާއިދުގެ 14.5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤަވާއިދުގެ 17.3 ވަނަ މާއްދާގެ ދަށުންނެވެ. އަދި ކުރިޔަށްއޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީން ބުނެއެވެ.

މައިލޯ ސިޓީ އެފްސީ ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އެ ޓީމު ކުއާޓާފައިނަލް ފަހަނައަޅައި ދެވުނު ފުރަތަމަ ފަހަރެވެ. ސެމީފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ އެފްސީ ސްޕްރިންޓް އާއެވެ.