"ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖުގައި ވާދަކުރަން އުސްގަނޑަ ނުކުތީ ވަރުގަދަ ސްކޮޑަކާއެކު ކަމަށާއި، ސެމީފައިނަލުގައި މާލެގަން ސްޕޯޓްސް ކުލަބު ބަލިކުރަން އުނދަގޫވާނެ ކަމަށް އެފްސީ އުސްގަނޑަގެ ކޯޗް، މުހައްމަދު އަލްތާފް (އަލްޓި) ބުނެފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް އުސްގަނޑަ ދަތުރުކޮށްފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން އުސްގަނޑަ ޓީމު ތަށި ދިފާއުކުރަން ނިކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ.

މުބާރާތުގެ ކުއާޓާފައިނަލުގައި ފުވައްމުލަކުގެ ހޯދަޑު ސްޕޯޓްސް ބަލިކުރުމަށްފަހު "ވަގުތު" އާއި ވާހަކަދައްކަމުން އަލްޓި ބުނީ މުބާރާތާއި އުސްގަނޑަ ކުރިމަތިލީ ކުރީ އަހަރަށްވުރެ ވަރުގަދަ ސްކޮޑަކާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް މާލެގަން ޓީމުން މުބާރާތަށް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ސެމީފައިނަލުގައި އެޓީމު ބަލިކުރަން އުނދަގޫ ވާނެ ކަމަށްވެސް އަލްޓި ވަނީ ބުނެފައެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެފްސީ އުސްގަނޑަ ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"މިދިޔަ އަހަރުގެ މުބާރާތަށްފަހު ޓީމުން ގެއްލުނު ކުޅުންތެރިންގެ ބަދަލުގައި ރަނގަޅު، މޮޅު ކުޅުންތެރިންތަކެއް ގެނެސް ރަނގަޅު ސްކޮޑެއް ޓީމުގެ މެނޭޖްމަންޓުން މިވަނީ އެކުލަވާލާފަ. އެހެންނަމަވެސް ސެމީގައި ވާދަކުރަން މިޖެހޭ މާލެގަން ޓީމުން މިވަނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ. ހާއްސަ ގޮތެއްގައި މުޅި މުބާރާތުގައިވެސް ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ޓީމަކީ އެއީ. އަދި މުބާރާތަށް ރަށުން ބޭރުން ކޯޗެއް ގެނެސް ވަރަށް ރަނގަޅަށް އެޓީމު އޮތީ ތައްޔާރުވެފަ. އެހެންކަމުން ވަރުގަދަ ފޯރިގަދަ ޗެލެންޖަކަށް ވެގެންދާނެ" ވަގުތު އާއި ވާހަަދައްކަމުން އަލްޓި ބުންޏެވެ.

ޓީމުން މިހާތަނަށް ނެރެމުންދާ ނަތީޖާތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި ޓީމުގައި ތަޖުރިބާކާރު މޮޅެތި ކުޅުންތެރިންތަކެއް ތިބުމުން މުބާރާތް ކާމިޔާބުކުރުމަށް ފަސޭހަވެގެން ދާނެކަމަށް އަލްޓި ވަނީ ބުނެފައެވެ.

"މާބޮޑު ޕްރެކްޓިސްތަކެއް ނެތަސް ، އަންޑަސްޓޭންޑިންގް ކުޅުންތެރިންތަކެއް ޓީމުގައި ތިބީ، ޓީމުން ދަނޑުމަތީގައި ފެނިގެންދާ ދެތިން ކުޅުންތެރިންނެއް އެބައުޅޭ ފުޓްސަލްގެ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ތަކެއް. އެހެންކަމުން ގޭމް ޕްލޭނާއި އެއްގޮތަށް ކުޅެ ކާމިޔާބީތައް ހޯދުމަށް ފަސޭހަ ވެގެންދާނެ". އަލްޓި ބުންޏެވެ.

މީގެ އިތުރުން އަލްޓި ބުނީ ފުރަތަމަ ޓާގެޓަކީ ފަހަރަކު މެޗަކުން މޮޅުވުން ކަމަށާއި ތަށްޓާއި މެދު ވިސްނާނީ ފަހުން ކަމަށް މުބާރާތް ފެށުމުގެ ކުރިންވެސް ކުޅުންތެރިންނަށް ވިސްނައިދީފާ ވާނެ ކަމަށެވެ.

"މުބާރާތަށް ޓީމު ނިކުތުމުގެ ކުރިންވެސް ކުޅުންތެރިންނަށް ވިސްނައިދިނިން، ތަށްޓާއި މެދު ވިސްނާނީ ފަހުން ކަން. ފުރަތަމަ އަހަރުމެންގެ ޓާގެޓަކީ ކުޅޭ މެޗުތައް، ފަހަރަކު މެޗެއް ކާމިޔާބުކުރުން. އެގޮތަށް ވިސްނައިގެން މިހާ ހިސާބަށް މި އައީވެސް".

މުބާރާތުގެ ސެމީފައިނަލަށް އުސްގަނޑަ ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި އެޓީމު ނިސްބަތްވި ގްރޫޕް "އޭ" ގެ އެއްވަނަ މަގާމު ހޯދައިގެންނެވެ. އަދި ދެވަނަ ބުރުގައި ވަރުގަދަ ހަބޭސް 0-2 އިން ބަލިކޮށް ކުއާޓާފައިނަލުގައި ފުވައްމުލަކުގެ ހޯދަޑު ބަލިކޮށްގެންނެވެ

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގައެވެ. ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ އުސްގަނޑަ އާއި ފުވައްމުލަކުގެ މާލެގަން ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ 20:00 ގައެވެ. ސެމީފައިނަލުގެ ދެވަނަ މެޗު ކުޅޭނީ އެ ރޭ 21:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އެފްސީ ސްޕްރިންޓް އާއި މައިލޯ ސިޓީ އެފްސީއެވެ.