ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް "ވަގުތު ފުޓްސަލް ޗެލެންޖް" ގެ މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި މައިލޯ ސިޓީ އެފްސީ މުބާރާތާއި ކުރިމަތިލީ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގައި ވަރުގަދަ ސްކޮޑަކާއި އެކުގައި ހިންގުންތެރި ޕްލޭނެއްގެ ދަށުންނެވެ.

ރާއްޖޭގެ ފުޓްސަލްގެ "ކިންގް" އެއްކަމުގެ ތާޖު އަޅައިގެން ހުރި އަބްދުﷲ ޝައްފާން (ޝާކާ) އާއި ފުޓްސަލްގެ އެންމެ ތަޖުރިބާހުރި އެއް ކީޕަރު ކަމަށްވާ އިސްމާއިލް ފާތިހް (ތާޑޭ) އާއި އެކު އެޓީމުން ނިކުތީ ހިންގުންތެރި މާލިމީއެއްގެ އިރުޝާދާއި އެކު ސީދާ ތައްޓަށް އަމާޒު ހިފައިގެނެވެ.\

މިދަންނަވާ މާލިމީ އަކީ ރާއްޖޭގައި މިވަގުތު އޭއެފްސީ "އޭ" ލައިސަންސް ކޯޗުންގެ ތެރެއިން އެއް ކޯޗު ކަމަށްވާ އަހުމަދު އަޒްމީ އެވެ.

އަޒްމީ - އައްޑޫ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެއް!

މައިލޯ ސިޓީ އެފްސީގެ ކޯޗް އަހްމަދު އަޒްމީ -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރާއްޖޭގައި ތިބި މަދު "އޭ" ލައިސެންސްޑް ކޯޗުންގެ ތެރެއިން ފާހަފަ ކޮށްލެވޭ އަޒްމީ އަކީ އައްޑޫގައި ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ތަމްރީނު ކުރަމުންދާ ފުޓްބޯޅަ އަދި ފުޓްސަލްގެ ވެސް ތަޖުރިބާ ހުރި ކުޅަދާނަ ކޯޗެކެވެ. މުބާރާތުގައި އިދިކޮޅު ޓީމުތަކަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ފުޓުބޯޅައިގެ ތެރެއަށް ވެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ފަރާތަކީވެސް އަޒްމީ އެވެ.

އޭނާގެ ކޯޗިންގް ކެރިއަރަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީ އަކީ 2018 ވަނަ އަހަރު ބޫޓާން ގައި ބޭއްވުނު 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމުގެ ހެޑް ކޯޗް ކަމުގެ މަގާމު އަދާ ކުރުމެވެ.

އަޒްމީ 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި އިރު -- ފޮޓޯ: އަޒްމީ

މީގެ އތުރުން އަޒްމީ ވަނީ "ޑީ" ލައިސެންސް ކޯޗިންގް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށް ކޯޗުން ތަމްރީނުކުރުމުގެ ރަސްމީ ހައިސިއްޔަތުވެސް ލިބިގެންފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގައި މަސައްކަތްކުރަމުންދާ އަޒްމީއަކީ އައްޑޫގެ ގިނަ ފަރާތްތަކެއް ފުޓްބޯޅައިގެ ތެރެއަށް ވައްދާ އެފަރާތްތަކަށް ބޭނުންވާ އެންމެ ފުރިހަމަ ތަމްރީނު ފޯރުކޮށްދެމުންދާ ފުޓުބޯޅައިގެ ހިދުމަތްތެރިއެކެވެ. އަޒްމީ މިހާރުވެސް ދަނީ އިތުރު ކޯހެއް ފުރިހަމަކޮށް ކޯޗިންގް އިންސްޓްރަކްޓަރ ގެ "ސީ" ލައިސެންސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަޒްމީ އަކީ ރާއްޖޭގައި ތިބި މަދު އޭއެފްސީ "އޭ" ލައިސެންސް ކޯޗުންގެ ތެރެއިން ކޯޗެއް

މުބާރާތުގެ ތާރީހުގައި ރަންވަނައަކާއި ހަމައަށް ނުދެވުނު ނަމަވެސް މި މުބާރާތާއި އެޓީމު ކުރިމަތިލީ ވަރުގަދަ ސްކޮޑަކާއި އެކު މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައެވެ. މިހާތަނަށް އައި އިރު މުބާރާތުގައި ޓީމުން ދައްކާފައިވާ ކުޅުމަށް އެތައް ބައެއްގެ ތައުރީފު ލިބުނުއިރު ކޯޗްވެސް ވަނީ އެޓީމުގެ ކުޅުންތެރިންގެ ކުޅުމާއި މެދު ހިތްހަމަޖެހިފައި ހުރިކަން ހާމަކޮށްފައެވެ.

"މެޗަކަށްފަހު މެޗެއް އިމްޕްރޫވް ކުރަމުން މިދަނީ. ފާހަގަ ކޮށްލަން ގްރޫޕް ސްޓޭޖުގައި މުބާރާތުގެ އެންމެ "ފޭވަރިޓް" ޓީމެއްގެ ގޮތުގައި އޮތް ހަބޭސް އާއި ވާދަކޮށް ދެއްކި ކުޅުން. ފުރަތަމަ ހާފު ނިމުން އިރު 0-3 އިން ފަހަތުގައި އޮތް ކަމުގައި ވީނަމަވެސް މެޗު ނިމުން އިރު މައިލޯ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ. ހާއްޕެ އާއި ގަބޭ ކަހަލަ ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ތަކެއް ތިބި ޓީމެއް އަތުން އެއްވަރުވެ މުބާރާތުގެ މިހާަ ހިސާބަށް ޓީމު އައިސް ދެއްކި ކުޅުމާއި މެދު ވަރަށް ހިތް ހަމަ ޖެހޭ".

މުބާރާތުގެ ދެވަނަ ބުރުގައި އެޓީމުގެ ތަރި ޝާކާއަށް ދިމާވި އަނިޔާ އާއި އެކުގައި ވެސް މައިލޯ ޓީމުން ވަނީ ކުއާޓަރ ފައިނަލުގ އޭނާ ނެތްކަމުގައި ވީނަމަވެސް މޮޅު ކުޅުމެއް ދައްކާ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ޓީމުގައި އަނިޔާގެ މައްސަލަ ތަކެއް ހުރި ނަމަވެސް، މައިލޯ ސިޓީ އަކީ މިހާރު ހުރިހާ ޓީމަކުންވެސް ޖެހިލުންވާނެ ޓީމެއް ކަން ކޯޗް އަޒްމީ ވަނީ ފާހަގަ ކޮށްފައެވެ.

"އަނިޔާގެ މައްސަލަ ތަކެއް އެބަހުރި، އެކަމަކު ޓީމުގެ އެންމެ މުހިންމު އެއް ކުލުންތެރިޔާ، ޝާކާ ނެތިވެސް ކުއާޓަރ ފައިނަލުގައިވެސް މިޓީމުން ގިނަ ލަނޑު ތަކެއް ކާމިޔާބު ކޮށް ތަފާފު ދެއްކި. އެހެންވީމަ މިރޭ ކުޅޭ މެޗުގައި ވެސް އަދި ފައިނަލުގައި ބައްދަލު ކުރާ ޓީމަކުންވެސް ޖެހިލުންވާނެ އަދި ނަތީޖާ ނެރެވޭނެ ވަރުގެ ޓީމެއް މައިލޯ ސިޓީ އަކީ".

ސެމީގައި ނުކުންނަނީ 7 އަހަރުވަންދެން ކޯޗުކަން ކޮށްދިން އަމިއްލަ ކުޅުންތެރިންނާއި ދެކޮޅަށް

ސެމީ ފައިނަލުގައި ވާދަކުރާ ސްޕްރިންޓް ޓީމަކީ މައިލޯ ސިޓީގެ ގާތް ޓީމެއް ކަމަށާއި އެޓީމުގެ ގިނަ ކުޅުންތެރިންނަކީ އޭނާ ކޯޗް ކޮށްދިން ކުޅުންތެރިންތަކެއް ކަމަށް އަޒްމީ ވަނީ ބުނެފައެވެ. މުބާރާތުގައި އެންމެ ތަފާތު އަދި ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމަކަށް ސްޕްރިންޓް ޓީމު ވީނަމަވެސް އެޓީމުގެ ވަކިވަކި ކުޅުންތެރިންގެ ކުޅުމާއި ޓީމެއްގެ ގޮތުގައި އެޓީމުން ކުޅޭ ކުޅުން ވަރަށް ރަނގަޅަށް ދަސްވެފައި ވާކަމަށާއި މިކަމުގެ އެޑްވާންޑޭޖް ލިބޭނެ ކަން އަޒްމީ ވަނީ ފާހަގަ ކޮށްފައެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖް ގައި ވާދަކުރާ މައިލޯ ސިޓީ އެފްސީ -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މީގެ އިތުރުން ޓީމުގެ ކީޕަރު ތާޑޭ މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުމަށް އަޒްމީ ވަނީ ތައުރީފު ކޮށްފައެވެ.

"ޓީމުގައި ދެ ކީޕަރުން ޖެހިން. އެކަމަކު ދިމާވި ކަމަކާއި ގުޅިގެން އެއް ކީޕަރަށް މުބާރާތުގައި ކުޅެވޭ ގޮތް ނުވީ. މުބާރާތާއި ތާޑޭ ކުރިމަތިލީވެސް އަނިޔާގެ މައްސަލަ ތަކެއް ހުއްޓާ. އެކަމަކު މިއަދާ ހަމައަށްވެސް ތާޑޭ ވަނީ އޭނާގެ ހުށިޔާރު ކަމާއި އެއީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއް ކަން ސާބިތު ކޮށްދީފަ".

ތާޑޭ - މައިލޯ ސިޓީ އެފްސީގެ އައްޑަނަ

މައިލޯ ސިޓީ އެފްސީގެ ކީޕަރު އިސްމާއިލް ފާތިހް (ތާޑޭ) -- ފޮޓޯ: ތާޑޭ

މުބާރާތުގައި ކީޕަރެއް ވަކިން ފާހަގަ ކުރާނަމަ އެ ކުޅުންތެރިއަކަށް ހަމަ ގައިމުވެސް ވާނީ ތާޑޭއެވެ. ރާއްޖޭގެ އެކި ހިސަ ހިސާބުތަކުގައި ބޭއްވޭ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ބޮޑެތި ޓީމު ތަކުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރަން ކޮންމެ ޓީމަކުންވެސް ތާޑޭ އިހްތިޔާރު ކުރުން އެއީ އެކަމުގެ ހެއްކެކެވެ. މީގެ އިތުރުން ތާޑޭ އަކީ ގައުމީ ފުޓްސަލް ޓީމުގެ އެއްވަނަ ގޯލް ކީޕަރު ކަންވެސް ކޮށްފައިވާ ރާއްޖޭގެ ފުޓްސަލްގެ އެއް ބްރޭންޑެވެ.

ފުޓްސަލްގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕުގައިވެސް އެންމެ ކާމިޔާބު ޓީމުތަކުގެ ގޯލް ބެލެހެއްޓުމާއި ހަވާލްވެ ހުންނަ ތާޑޭ ކޮޅަށް މިމުބާރާތުގައި ވަދެފައިވަނީ އެންމެ 5 ލަނޑެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިންނާއި މި މުބާރާތުގައި އޭނާ ކުރިމަތިލާފައި ވާއިރު އެކުޅުންތެރިން އުފައްދާ ނުރައްކާތެރި ބާރު އެތައް ހަމަލާއެއް ގޯލަށް ވަނުމަށް ހުރަހަކަށް ވަނީ ވެސް ތާޑޭ އެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން ތާޑޭ ބުނީ މުބާރާތާއި ކުރިމަތި ލިއިރު ފިޓްނަސްގެ މައްސަލަ ތަކެއް ހުރި ކަމަށާއި މިހާރުވެސް އަނިޔާގެ މައްސަލަތެކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ބެސްޓް ކުރިއަށް އޮތް މެޗުގައިވެސް ދައްކާނެ ކަމަށް ތާޑޭ ވަނީ ބުނެފައެވެ.

"ލޮކްޑައުންގަ ގޭގަ އޮންނަން ޖެހުނީމަ ފިޓްނަސް މައްސަލަ ތަކެއް ކުރިމަތިވި. އަދި މިހާރުވެސް އަނިޔާގެ މައްސަލަތަކެއް އެބަހުރި. އެކަމަކު ޓީމުގެ ދެވަނަ ކީޕަރަށް މުބާރާތުގައި ކުޅެވޭ ގޮތް ނުވުމާއި އެކު ހުރި ހަމައެކަނި ކީޕަރަށް ވީމަ އެބަޖެހޭ ހިތްވަރަށް ވިޔަސް ކުޅެން. އެކަމަކު ސާބިތު ކޮށްދޭނަން ރަށުން ބޭރުން ގެނައި ކުޅުންތެރިޔާ އަކީ ހަމަ އެކަމަށް އެންމެ ގާބިލް ކުޅުންތެރިޔާ ކަން. އަހަރެންގެ ބެސްޓް އަހަރެން ދައްކާނަން".

މިރޭ ކުޅޭ ސެމީ ފައިނަލުގެ މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ތާޑޭ ބުނީ މުބާރާތުގެ މިހާހިސާބަށް އާދައިގެ ޓީމެއް ނާންނާނެ ކަމަށާއި އެޓީމަކީ ޗެލެންޖެއް ދޭނެ ވަރުގެ ޓީމެއްކަން އެނގި ހުރެ މެޗާއި ކުރިމަތި ލާނެ ކަމަށެވެ.

"ސްޕްރިންޓް ޓީމަކީ މިމުބާރާތުގައި ޓީމެއްގެ ގޮތުގައި ކުޅެ ތަފާތު ދައްކަމުން އަންނަ ޓީމެއް. ހާއްސަކޮށް އެޓީމުގެ ވިފާގް ހުއްޓުވުމަށް އަދި ޓީމް ވޯކް ބޭނުންކޮށްގެން އެ އުފައްދާ ހަމަލާތައް ހުއްޓުވުމަށް ވަރަށް ރަނގަޅަށް ޕްލޭން ކޮށްގެން މަސައްކަތް ކުރާނަން. ޑިފެންސް ކޮށް ކައުންޓަރ އިން ރަނގަޅު ހަމަލާތަކެއް އުފައްދަން ބޮޑަށް މަސައްކަތް ކުރާނީ".

ތާޑޭ ވަނީ އެންމެ ފަހުން ބޭއްވި ވަގުތު ފުޓްސަލް މުބާރާތުގައި އެފްސީ އުސްގަނޑަ ޓީމާއެކު މޮޅު ކުޅުމެއް ދައްކާ އެޓީމަށް ތަށި ހޯދާދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް މިރޭ ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލުކުރާނީ އެފްސީ އުސްގަނޑަ އާއި ފުވައްމުލަކުގެ މާލެގަން ސްޕޯޓްސް ކުލަބެވެ. އަދި 21:00 ގައި ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރާނީ މައިލޯ ސިޓީ އެފްސީ އާއި އެފްސީ ސްޕްރިންޓް އެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހިތަދޫގެ މަނިކް ސްޓޭޑިއަމުގަ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޙައްމަދު ޚާލިދު

    އަޒްމީ އަކީ ހަޤީޤަތުގައިވެސް ޒުވާންކުޅުންތެރިންތަކެއް ފުޓްބޯޅާއަށް ނެރެދިން އަދި ނެރެމުންދާ ހިވާގި އައްޑޫފަހުރުވެރިވާ ވަރުގެ ދަރިއެއް. ތިޔަކުރައްވާ މަސައްކަތައް ހަމަ ސާބަސް. ދުޢާއަކީ އަޒްމީއަށް ކުރިއެރުމާއި ކާމިޔާބު ދެއްވުން އަދި މިފަދަ ގިނަ ފަހުލަވާނުންތަކެއް އުފެދި ދިވެހި ފުޓްބޯޅަ ބައިނަލްއަޤްވާމީފެންަވަރުގައި ވިދާލުން.

    7
    1