މުބާރާތުގެ ވާދަވެރި، ވަރުގަދަ ކުރިމަތިލުންތަކަށް ފަހު މިއީ މި މުބާރާތުގެ އެންމެ ފަހު ކުރިމަތިލުމެވެ. މި ކުރިމަތިލުމުން މޮޅުވާ ޓީމަކަށް އެއްލައްކަ ފަންސާސް ހާސް ލިބިގެންދާނެއެވެ. އެއްކޮޅުން ބައްދަލުކުރާ ޓީމަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އެވެ. އަނެއްކޮޅުން ބައްދަލުކުރާ ޓީމަކީ މައިލޯ ސިޓީ އެފްސީއެވެ.

ފައިނަލާއި ކުރިމަތިލާއިރު ދެ ޓީމުގެ ފިޓްނަސް ލެވެލް ހުރީ ރަނގަޅަށެވެ. ދެ ޓީމުގެ ކޯޗުންގެ ވާހަކަތަކަށް ބަލާއިރު މިއީ އެއްގޮތަކަށް ވެސް ފަސޭހަ މެޗެއް ނޫނެވެ. ކުޅުންތެރިންގެ ފެންވަރަށް ބެލިކަމުގައި ވީ ނަމަވެސް އަދި މީގެކުރިން މި ދެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބެލިނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެއީ އެވެ. ދެ ޓީމުގައި ވެސް ތިބީ ކޮންމެފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިންނެވެ.

މުބާރާތުގެ ފޯރި ކިތަންމެހާވެސް ވަރުގަދައެވެ. މިއީ މި މުބާރާތުގައި ޓީމުތަކުގެ ކުޅުން މުޅި ރާއްޖެއަށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އޭގެ ހެއްކެއްގެ ގޮތުން ވަގުތު ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަގުތުން ގެނެސްދިން މެޗުތައް ބެލި މީހުންގެ އަދަދުތަކުން ހާމަވެގެންދެއެވެ. އައްޑޫސިޓީ އަދި ފުވައްމުލަކުގައި ބޮޑު ސްކްރީން އަޅުވައިގެން މެޗުތައް ބަލާފައި އެބަހުއްޓެވެ ނުވިތާކަށް ހަމަލޮލުން މެޗުތައް ބެލުމަށް އައްޑޫސިޓީގެ ގިނަ ބަޔަކު ވަނީ މުބާރާތުގެ މެޗުތައް ކުރިޔަށްދިޔަ "މަނިކު ދަނޑު" އަށް ގޮސްފައެވެ.

ފައިނަލް މެޗުގެ ކުރިން މިރޭ އެންމެ ފުރަތަމަ ކުޅޭނީ މި މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ. އެފްސީ ސްޕްރިންޓް އަދި މާލެގަން ސްޕޯޓްސް ކުލަބް ބައްދަލުކުރާ މި މެޗު ފަށާނީ 19:50 ގައެވެ.

މިހާހިސާބުން މި ބަލާލަނީ ފައިނަލް މެޗުގައި ބައްދަލުކުރާ ދެ ޓީމު މި މުބާރާތުގެ މިހަހިސާބަށް ވާސިލްވިގޮތާއި ދެ ޓީމުގެ ހާލަތަށެވެ.

މެޗު ޕްރިވިއު

އެފްސީ އުސްގަނޑަ- މައިލޯ ސިޓީ އެފްސީ

ގަޑި: 21:15

އެފްސީ އުސްގަނޑަ ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެފްސީ އުސްގަނޑަ

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ ސެމީފައިނަލާއި ހަމައަށް ވާސިލުވީ ހަތަރު ޓީމު ހިމެނުނު ގްރޫޕް އޭގެ އެއްވަނަ މަޤާމު ހޯދައިގެންނެވެ. ފުރަތަމަ މެޗުން ރޯދި އަތުން މޮޅުވީ 2-0 އިންނެވެ. ދެވަނަ މެޗުގައި ޒިރަފޯން އަތުން 6-1 އިން މޮޅުވިއިރު ތިންވަނަ މެޗުގައި ވިނިން ފައިވް އަތުން އުސްގަނޑަ މޮޅުވީ 20-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަބުރުގައި އުސްގަނޑަ ބައްދަލުކުރީ މުބާރާތުގެ އެއް ފެވަރިޓް އެފްސީ ހަބޭސް އާއެވެ. އެ މެޗުން އުސްގަނޑަ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ކުއާޓާފައިނަލުގައި އުސްގަނޑަ ބައްދަލުކޮށްފައިވަނީ ފުވައްމުލަކުގެ ހޯދަޑު ސްޕޯޓްސްއެވެ. މި މެޗުން އުސްގަނޑަ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ސެމީފައިނަލުގެ ކުރިމަތިލުން އެ ޓީމު ކާމިޔާބުކުރީ މި މުބާރާތުގެ އެންމެ ޓީމް ވޯކް ރަނގަޅު މާލެގަން ސްޕޯޓްސް ކުލަބު 2-0 އިން ބަލިކޮށްގެންނެވެ.

މުބާރާތުގެ މިހާހިސާބަށް އައި އިރު އުސްގަނޑަ ޓީމުން އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ ޑިސިޕްލިން ކުޅުމެވެ. އަވަސް ގޭމެއްގެ ބަދަލުގައި ސިކުނޑި ބޭނުންކޮށްގެން ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު ރަނގަޅު ޓީމް ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. މި ޓީމަށް ޓީމެއްގެ ސިފަ ގެނެސްދޭ އެއް ކުޅުންތެރިއަކީ އޮންލީ އެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އޮންލީގެ ލީޑަޝިޕް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

މައިލޯ ސިޓީ އެފްސީ ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މައިލޯ ސިޓީ އެފްސީ

މުބާރާތުގެ އެއް ފެވަރިޓް މައިލޯ ސިޓީ އެފްސީއަކީ މި މުބާރާތުގެ އެންމެ ސަޕްރައިިޒިން އެއް ޓީމެވެ. އަބްދުﷲ ޝައްފާން (ޝާކާ) ނެތި ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދެއްކި ހިތްވަރު ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. އެއާއެކު އެ ޓީމަކީ ހަމައެކަނި ޝާކާ އަށް ބަރޯސާނުވާ ޓީމެއްކަން ސާބިތުވިއެވެ. ޝާކާ ހުރިނަމަ މި ވާހަކަ ޔަގީނުންވެސް ތަފާތުވާނެއެވެ.

މުބާރާތުގެ ގްރޫޕް ބީގައި ހިމެނުނު މައިލޯ ސިޓީ ޓީމު ދެވަނަބުރަށް ދަތުރުުކުރީ ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ. އެފްސީ ހަބޭސްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި ޖަންޓާ ގަރާޖު އަތުން 14-0 ގެ ބޮޑު ތަފާތަކުން މޮޅުވިއިރު ތިންވަނަ މެޗު ކާމިިޔާބުކުރީ ޑީސީ ސްޕޯޓްސްއާއި ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަބުރުގައި އެޓީމު ވާދަކުރީ އެފްސީ ރޯދި އާއެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗު މައިލޯ ސިޓީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ސެމީފައިނަލަށް އެ ޓީމު ދަތުރުކުރީ އެފްސީ ބޭރުމަތި ޓީމާއި ވާދަކޮށް 4-2 އިން މެޗު ކާމިިޔާބުކޮށްގެންނެވެ. އަދި ސެމީފައިނަލުގެ ކުރިމަތިލުން އެ ޓީމު ކާމިޔާބުކުރީ ފަހަތުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މައިލޯ ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.