ޖަރުމަނު ބުންޑަސްލީގާގައި އެލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ މައްޗަށް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އިން ކުރިހޯދައިފިއެވެ.

ބަޔާން އިން ދެލަނޑު ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ މޮންޗެންގްލަޑްބަކް މޮޅުވެފައިވަނީ 2-3 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ އެޓޭކް ތަކެއް ކުރި ބަޔާން އިން ވަނީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށް ލީޑު ނަގާފައެވެ. މިލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އަދި ފާއިތުވީ ސީޒަނުގެ ގިނަ އިންޑިވިޖުއަލް އެވޯޑްތަކެއް ހޯދާފައިވާ ރޮބާޓް ލެވަންޑޮސްކީ އެވެ. މިއީ މޮންޗެންގްލަޑްބަކުގެ ފްލޯރިއަންގެ އަތުގައި ޕެނަލްޓީ އޭރިޔާތެރެއިން ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިލަނޑު ޖެހިތާ ހަމިނެޓު ފަހުން އަނެއްކާވެސް ބަޔާންއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑޫ ލެރޯއި ސާނޭ ދިން ޕާހަކުން ކާމިޔާބު ކޮށްދިނީ ލިއޯން ގޮރެޓްސްކާއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮންޗެންގްލަޑްބަކް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލާސް ސްޓިންޓިލްގެ ފަރާތުން މޮޅު ކުޅުމެއް ދެއްކުމަށްފަހު ދިން ތްރޫ ޕާހެއް ގޯލުގެ ތެރެއަށް ވައްދާލާ ޖޯނަސް ހޮފްމަން ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެޓީމުގެ ދެވަނަ ލަނޑަކީވެސް ލާސް ތަނަވަސްކޮށްދިން ފުރުސަތަކުން ހޮފްމަން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިލަނޑު ހޮފްމަން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މޮންޗެންގްލަޑްބަކް އިންނެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި އުފެއްދި ރަނގަޅު އެޓޭކެއްގައި ހޮފްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ފްލޯރިއަން ލަނޑެއް ކާމިޔާބުކޮށް ލީގުގެ ގަދަބާރު ބަޔާންގެ މައްޗަށް އެޓީމަށް ކުރިހޯދައި ދިނުމެވެ.

މެޗުން ބަލިވި ނަމަވެސް ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 15 މެޗުން 33 ޕޮއިންޓް ހޯދައިގެން އޮތީ ބަޔާންއެވެ. ދެވަނައިގައި އެއްމެޗު މަދުން ކުޅެގެން 31 ޕޮއިންޓް ހޯދައިގެން އޮތީ އާރްބީ ލިޕްޒިގް އެވެ. މޮންޗެންގްލަޑްބަކް އަށް 15 މެޗުން 24 ޕޮއިންޓް ލިބި އޮތީ ތާވަލުގެ ހަތްވަނައިގައެވެ.