ކޮވިޑް-19ގެ ސަބަބުން ޒުވާން ސްކޮޑަކާއިއެކު ކުޅެންޖެހިފައިވާ އެސްޓަން ވިލާގެ މައްޗަށް ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި އޭސްޓަން ވިލާގެ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް މޮޅުވީ 1-4ގެ ނަތީޖާ އަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާޓިސް ޖޯން ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަން ވިލާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއީ ބެރީއެވެ.

ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ލިވަޕޫލް އިންނެވެ. ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުން އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ނެގުމެވެ. ޓަކޫމީ މިނަމީނޯގެ ޕާހަކުން މިލަނޑު ލިވަޕޫލް އަށް ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯ ވިލަންޑަމް އެވެ. އޭގެ ތިން މިނެޓު ފަހުން ޝަކީރީގެ އެހީތެރި ކަމާއިއެކު އަނެއްކާވެސް މާނޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.

ކައިރި ކައިރީގައި ދެލަނޑު ކާމިޔާބު ކުރުމަށްފަހު އަނެއްކާވެސް މާގިނަ އިރުތަކެއް ނުވެ ޝަކީރީ ތަނަވަސް ކޮށްދިން ފުރުސަތަކުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެފްއޭ ކަޕުގައި މިއަދާއި މިރޭވެސް ގިނަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މިރޭ 22:30 ގައި އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރާ މެޗެވެ.