ފްރެންޗް ލީގުގައި ރޭ ބްރެސްޓް އާއި ދެކޮޅަށް ކުޅެ ޕީއެސްޖީއިން ޕޮޗެޓީނޯގެ ކޯޗު ކަމުގެ ދަށުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-3 ގެ ނަތީޖާ އަކުންނެވެ. މިއީ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ކުޅުނު ދެވަނަ މެޗެވެ. އައު ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީ ވަނީ ސެއިންޓް އެޓީއެން އަތުން 1-1 އިން އެއްވަރު ވެފައެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މޮއިސް ކީން އެވެ. މޮޅު ކުޅުމެއް މިހާފުގައި ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔަ ނަމަމެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ޕީއެސްޖީ އާއި ބްރެސްޓްގެ މައްޗަށް ކުރިހޯދި މެޗުގެ ތެރެއިން

ޕީއެސްޖީން މެޗުގައި ދެން ޖެހި ދެލެނޑުވެސް ޖަހާފައިވަނީ މެޗުގެ އެންމެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. އެގޮތުން އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭގެ އެހީތެރިކަމާއި އެކު މައުރޯ އިކާޑީ ކާމިޔާބު ކޮށްދިން އިރު އޭގެ ދެމިނެޓު ފަހުން އިކާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ރޭ އެލީގުގެ އެއްވަނައިގައި އޮތް ލިޔޯން ވަނީ ރެނެސް އާއި ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.

މެޗުގައި ފެނިގެންދިޔަ ލަނޑުތަކުގެ ތެރެއިން ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކްލެމެންޓް ގްރެނިއަރ ރެނެސްއަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ. އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބޯރިގާޑް އެވެ.

ލިޔޯން އިން ފަރަގު ކުޑަކުރި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި މެމްފިސް ޑީޕޭ ކާމިޔާބުކުރި އިރު އެޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު އޭގެ ތިން މިނެޓު ފަހުން ކާމިޔާބު ކޮށްދިނީ ޖޭސަން ޑެނަޔާ އެވެ.

މިނަތީޖާ އާއިއެކު ޕީއެސްޖީއިން ވަނީ އެއްވަނައިގައި އޮތް ލިޔޯން އާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓް އަށް ކުޑަކޮށްފައެވެ. ލިޔޯން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.