އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކޮށް މެންޗެސްޓަ ޔުނައިޓެޑުން މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ލިވަޕޫލްއެވެ. ރޮބާޓޯ ފިރްމީނޯގެ އެހީއާއެކު މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު ޖެހީ މުހައްމަދު ސަލާހްއެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިއެވެެ. މާކަސް ރަޝްފޯޑްގެ އެހީތެރިކަމާއެކު މި ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ މެސަން ގްރީންވުޑްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގިއެވެ. މެސަން ގްރީންވުޑްގެ އެހީއާއެކު މި ގޯލު އެ ޓީމަށް ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ. މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ ބްރޫނޯ ފެނާންޑޭސް އަށް ވަރަށް ތައުރީފުކޮށްފައެވެ. ކޯޗު ބުނީ ބްރޫނޯ ފެނާންޑޭސް އަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

"އަހަންނަށް ކުރިންވެސް ހީވި މި މެޗުގައި ވަކި ހިސާބަކުން ބްރޫނޯ ކުޅެން އަރުވައިފިއްޔާ ތަފާތު ދައްކަފާނެ ކަން، އެއީ ފަރިތަކުރުންތަކުގައި ވަރަށް އިތުބާރާއި ޔަގީންކަމާއެކު ފްރީކިކް ތަކާއި ސެޝަންތަކުގައި ކުރިޔަށްދިޔަ، އަހަންނަށް ހަމަ ބުނެވޭނީ ބްރޫނޯ މޮޅިއްޔޭ، ބޮޑެތި މެޗުތަކުގައި ތަފާތު ދެއްކިދާނެ ކުޅުންތެރިއެއް ކަން މި މެޗުން އޭނަ ސާބިތުކޮށްދީފި" ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުންޏެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑުން އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާއެވެ. މި މެޗު ކުޅޭނީ އަންނަމަހުގެ 11 ގައެވެ.