އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި ބޫޓާނުގެ އެއްވަނަ ޓީމު ކަމަށްވާ ތިމްޕޫ ސިޓީ އެފްސީ ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުން ޖާގަ ހޯދާފައިވަނީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ނޭޕާލުގެ އާމީ ކުލަބާއި، ސްރީ ލަންކާ ޕޮލިސް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީގެ އިތުރުން ރާއްޖޭގެ ކުލަބް އީގަލްސްއެވެ. ކޮލިފައިންގައި ވާދަކުރާ މި ޓީމުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނީ އެއް ޓީމަކަށެވެ. ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ މި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަށެވެ.

ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގ މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮް ކަމަށް އޭއެފްސީން މައުލޫމާތުދެއެވެ.