ފީފާ ވޯލްޑްކަޕުގެ ޔޫރަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ބެލްޖިއަމް ކުޅުނު މެޗުތަކުން އެއްވަރުވި އިރު ނެދަލޭންޑްސް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ގްރޫޕް އޭގައި ޕޯޗުގަލާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ސާބިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޑިއޮގޯ ޖޮޓާ އެވެ. އޭނާެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ތަނަަސްކޮށްދިން ބޯޅައަކުން ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު ފެނިގެންދިޔައީ 36 ވަނަ މިނެޓުގައެވެ.

ސާބިއާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އަލެކްސެންޑަ މިޓްރޮވިޗް ޖަހައިދިން ލަނޑުން ސާބިއާއިން ސުން ކަނޑުވާާލިއިރު ސާބިއާއިން ނަތީޖާ ހަމަހަމަކުރި ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފިލިޕް ކޮސްޓިޗް އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ލަގްޒަމްބާގުން ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އަޔަލެންޑް ބަލިކޮށްފައެވެ. މި މެޗުތަކާއެކު ސާބިއާ އާއި ޕޯޗުގަލް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ސާބިއާ އެވެ. ތިންވަނައިގައި އޮތީ ލަަގްޒަމްބާގް އެެވެ.

ގްރޫޕް ޖީގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗަކު އިންސާފުކުރި ފުރަތަމަ އަންހެން ރެފުރީ އާއެކު ކުޅުނު މި މެޗުގައި ރެފުރީއެއްގެ މަޤާމު އަދާކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލޭންޑްސް ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ސްޓީވެން ބެއާހަސްއެވެ. އަދި މި މެޗުގައި ނެދަލެންޑްސްއިން ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލޫކް ޑި ޔޮން އެވެ.

ނެދަލޭންޑްސް އާާއި ލެޓްވިއާ ކުޅުނު މެޗުގެ ތެރެއިން

މި ނަތީޖާއާއެކު ނެދަލޭންޑްސް އޮތީ ހަތަރުވަނައިގަައެވެ. އެއީ ދެ މެޗުން ލިބުނު ތިިން ޕޮއިންޓާއެކު އެވެ.. އެއްވަނައިގަ އޮތީ ތުރުކީއެވެ. ދެވަނައިގައި މޮންޓެނީގްރޯ އެވެ.

ގްރޫޕް އީގައި ބެލްޖިއަމާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެެގެންނެވެ.ޗެކް ރިޕަބްލިކުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމެވެ. ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑެވެ. ބެލްޖިއަަމް ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ އެވެ.

މެޗުން އެއްވަރުވި ނަމަވެސް އެއްވަނައިގައި އޮތީ ޗެކް ރިޕަަބްލިކް އެވެ. ދެވަނައިގައި ބެލްޖިއަމް އޮތްއިރު ތިންވަނައިގައި އޮތީ ބެލަރޫސް އެވެ.