ސްޕެއިންގެ ކޯޗުކަމުގެ މަގާމުން ޖޫލެން ލޮޕެޓެގީ ވަކިކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސްޕެއިންގެ ކޯޗުކަމުން ލޮޕެޓެގީ ވަކިކޮށްފައިމިވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެންގުމެއް ނެތި ވޯލްޑް ކަޕަށްފަހު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން އޭނާ ނިންމުމާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސް ރުބިއެލެސް ވިދާޅުވީ ސްޕެއިންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ރެއާލްގެ ކޯޗުކަމާއި ލޮޕެޓެގީ ހަވާލުވާން ނިންމިކަން އެނގުނީ ރެއާލް އިން އެކަން އިއުލާންކުރުމުގެ އެންމެ ފަސް މިނެޓް ކުރިން ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ކަންތައްތަކުގެ ސަބަބުން ލޮޕެޓެގީ މަގާމުން ވަކިކުރަން މަޖުބޫރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ވެސް ކުރަން ވަކި އުސޫލުތަކެއް ހުންނާނެ. ސްޕެއިންގެ ޓީމާއެކު ލޮޕެޓެގީ މަސައްކަތް ކުރީ ވަރަށް ރަނގަޅަށް. އެކަމަކު މި ކަންތައްތަކުގައި އޭނާ އަމަލުކުރީ އަހަރުމެންނަށް ބަލައިގަނެވޭނެ ފަދަ ގޮތަކަށް ނޫން" ލޮޕެޓެގީ މަގާމުން ވަކިކުރިކަން ހާމަކުރަމުން ރުބިއެލެސް ވިދާޅުވިއެވެ.

ސްޕެއިންގެ ޓީމުގައި ހިމެނޭ އެއްވެސް ފަރާތެއްގެ އެހީ ބޭނުންވާނަމަ އެކަމާ ގުޅޭގޮތުން ސްޕެއިންގެ ފުޓްބޯޅަ އިދާރާއާ ވާހަކަދައްކަން ޖެހޭނެ ކަމަށާއި ނަމަވެސް ރެއާލްގެ ކޯޗުކަމާއި ލޮޕެޓެގީ ހަވާލުވާން އުޅޭކަން އެއްވެސް އެގޮތަކަށް އެނގިފައިނުވާ ކަމަށްވެސް ރުބިއެލެސް ވިދާޅުވިއެވެ.

"އަހަރުމެންނަށް ކުރިން މި ކަންތައްތައް އެނގުނު ނަމަ މިކަން މިގޮތަކަށް ނުހިގާނެ. ރެއާލް މެޑްރިޑާ އެކު ލޮޕެޓެގީ މަޝްވަރާކުރަން އަހަރުމެންނަކަށް ނެތް އެނގިފައެއް. އަހަރުމެންގެ ޓީމުގައި ހިމެނޭ މީހަކާއި ވާހަކަދައްކަން ބޭނުންނަމަ އަހަރުމެންނާއި ވެސް އެ ފަރާތަކުން ވާހަކަދައްކަންޖެހޭނެ. މިފަދަ ކަންތައްތަކުން އަހަރުމެން އެއްފަރާތް ކޮށްގެން ނުވާނެ" އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ ކޯޗުކަމާ ދެން ހަވާލުވާނެ ކޯޗުކަމާއި މެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރުބިއެލެސް ވިދާޅުވިއެވެ. އަދި އާ ކޯޗާއެކު ވޯލްޑް ކަޕްގައި ދެވެން އޮތް އެންމެ ދުރަކަށް ދިޔުމަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރުބިއެލެސް ވަނީ ދީފައެވެ.

ލޮޕެޓެގީ އަށްފަހު ސްޕެއިންގެ ކޯޗުކަމާއި ދެން ހަވާލުވުން ގާތީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފެނާންޑޯ ހިއެރޯ ނުވަތަ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަލްބާޓް ސެލާޑޭސްއެވެ.

ވޯލްޑް ކަޕަށްފަހު ރެއާލްގެ ކޯޗުކަމާއި ހަވާލުވާން ލޮޕެޓެގީ ނިންމިއިރު އޭނާ ވަނީ ދާދިފަހުން ސްޕެއިންގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ވެސް އާކޮށްފައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިން އިން އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ސްޕެއިންގެ ކޯޗުގެ މަގާމު ހުސްވެފައިވާއިރު ވޯލްޑް ކަޕްގައި ސްޕެއިން އިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ މެޗުގައި ސްޕެއިން އިން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    މި އިޔޫރަޕްގަ ނޯންނާނެ އެއްވެސް ކަހަލަ އަމިއްލަ މިނިވަން ކަމެއް ، ކޮބާތަ ކޯޗުގެ ރައިޓްސް !!!