އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ހޯދި މޮޅާއެކު ލީގުގެ ތަށި ހޯދުމާއި ގާތަށް މެންޗެސްޓާ ސިޓީ ޖެހިލިއިރު ސައުތެމްޓަން އާއި ލެސްޓާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ސައުތެމްޓަން ގެ ދަނޑުގައި ލެސްޓާ އާއި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ސިޓީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެނެއް ނުދެއެވެ. މި މެޗުގައި ސިޓީގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. ބެންޖަމިން މެންޑީ ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު ޖެހީ ސާޖިއޯ އަގުއޭރޯއެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ސިޓީން ލީޑު ފުޅާކުރި ލަނޑު ޖެހިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. މި ލަނޑަށްފަހު ވެސް ސިޓީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

ސައުތެމްޓަން އާއި ލެސްޓާ ބައްދަލުކުރި މެޗުގައި ވެސް ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މި ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ސައުތެމްޓަން އެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 61 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވާޑް އެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓުފަހުން ލެސްޓާއިން އެއްވަރުކުރި ލަނޑު ޖެހީ ޖޮނީ އިވަންސް އެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 34 މެޗުން ލިބުނު 80 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގައި ކުރިޔަށް ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރާ މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަމަ ސިޓީއަށް ލީގު ލިބޭނެއެވެ.