ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކް ޖެހިޖެހިގެން 9 ވަނަ ފަހަރަށް ހޯދައިފިއެވެ.

ބަޔާނަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑް އަތުން ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގް 3-2 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މި މެޗަށްފަހު ލެވަންޑޮސްކީގެ ހެޓްރިކާއެކު ބަޔާން މިއުނިކް ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް 6-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ބަޔާން މިއުނިކް ލީގު ކާމިޔާބުކޮށްފައިވަނީ ކުޅުނު 32 މެޗުން 74 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ލައިޕްޒީގް އޮތީ 32 މެޗުން 64 ޕޮއިންޓެވެ.

ބަޔާން މިއުނިކް ލީގު ހޯދާފައިވަނީ 10 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. އެ ޓީމަށް ދެން ބާކީ އޮތީ ލީގުގައި ދެ މެޗެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

ބަޔާން މޮޅުވި މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ހަތަރު ގޯލު ޖަހާފައިވެއެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އާއި ތޯމަސް މުލާގެ އިތުރުން ދެ ލަނޑު ޖެހި ރޮބަޓް ލެވަންޑޯސްކީ އެވެ. މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލެވަންޑޮސްކީ ވަނީ ލިބުނު ޕެނަލްޓީއަކުން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބަޔާންގެ ހަވަނަ ލަނޑު ކާމިޔާބުކުރީ ލެރޯއި ސާނޭ އެވެ.

ލެވަންޑޯސްކީ ކާމިޔާބުކުރި މި ހެޓްރިކާއެކު މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 39 އަށް އަރާފައެވެ. ބަޔާން މިއުނިކް ވަނީ ލީގު ޗެމްޕިއަންކަން ޖުމްލަ 30 ފަހަރު ހޯދާފައެވެ.