އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަންވިލާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑުން ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތުގައިވާ ސިޓީ އިތުރު އިންތިޒާރެެއް ކުރަން ޖެހިއްޖެއެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ސިޓީއަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ވަނީ ޖެހިފަައެވެ.

ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ ބަލިކޮށް ލީގު ހޯދުމުގެ ފުރުސަތު ސިޓީއަށް އޮތެވެ. ނަމަވެސް ކަން ފަސޭހަކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ޗެލްސީ އަތުން ސިޓީ ވީ ބައްޔެވެ.

މި މެޗުގައި އެސްޓަންވިލާއިން ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ބާޓްރަންޑް ޓްރައޯރޭ އެވެ. ފުރަތަމަ ހާފު ނިމުނީ އެސްޓަންވިލާ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށް ދެވަނަ ހާފުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާ މެޗު ނިންމާލާފައެވެ.

މި ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސް އެވެ. މި ލަނޑު ޔުނައިޓެޑުން ކާމިޔާބުކުރިތީ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މޭސަން ގްރީންވުޑް އެވެ. ޔުނައިޓެޑްގެ ތިން ވަަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީ އެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް ވަނީ ސައުތެމްޓަން 2-0 އިން ބަލިކޮށްފައެވެ. އަދި 3-1 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް އަތުން އާސެނަލް ވަނީ މޮޅުވެފައެވެ. މި ނަތީޖާއާއެކު ވެސްޓް ބްރޮމް ވަނީ ޕްރިމިއަރ ލީގުން ރެލިގޭޓުވެފައެވެ.

މި މެޗުތަކާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗު ކުޅެގެން ލިބުނު 70 ޕޮއިންޓާއެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ބުރާސްފަތި ދުވަހު ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރާ މެޗުން ޔުނައިޓެޑް ބަލިވެއްޖެ ނަމަ ސިޓީއަށް ލީގު ކަށަވަރުވާނެ އެވެ.