ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އެންމެފަހުގެ ވޯލްޑްކަޕް ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް އިންގްލޭންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލޭންޑް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިނގިރޭސި ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ރަހީމް ސްޓާލިން އެވެ.

އިންގްލޭންޑް އާއި ކްރޮއޭޝިއާގެ އިތުރުން ގްރޫޕް ޑީގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑެވެ. މި ދެ ޓީމު މާދަމާ 18:00 ގައި ބައްދަލުކުރާނެ އެވެ.

މި މެޗުގައި ކްރޮއޭޝިއާގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިން ކުޅުނެވެ. އަދި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ކްރޮއޭޝިއާ އިން މި މެޗުގައި ތަނަވަސްކޮށްފައިވެއެވެ.

ފުރަތަމަ ހާފުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ އިންގްލޭންޑެވެ. މި ހާފުގައި އެންމެ ރަނގަޅު ފުރުސަތުތައް އެ ޓީމުން ތަނަވަސްކުރީ މެޗުގައި ހަމައެކަނި ލަނޑު ޖެހި ރަހީމް ސްޓާލިންގެ ފަރާތުންނެވެ. އޭނާ ވަނީ މި ހާފުގައި ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. މި ހާފުގެ ކުރީކޮޅު އިންގްލޭންޑްގެ ފިލް ފޯޑެން އަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

މީގެއިތުރުން ފިލިޕްސް އަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލ ބޯޅަ ކްރޮއޭޝިއާގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި ހާފުގައި ކްރޮއޭޝިއާ އިން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް އިންގްލޭންޑް ގެ ޑިފެންސްލައިން ފޫއަޅުވާލާ ކުރިޔަށްދެވޭ ގޮތެއް ނުވިއެވެ.

މެޗުގައި އިންގްލޭންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ފިލިޕްސް ހަމަލާއަކުން ރަހީމް ސްޓާލިން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އިނގިރޭސި ގައުމީ ޓީމަށް ސްޓާލިން އެންމެފަހުން ކުޅުނު 17 މެޗުން އޭނާ އެ ޓީމަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ .

މި ލަނޑަށްފަހު އިނގިރޭސީން ބޮޑަށް ވިސްނީ އެ ޓީމުގެ ފަހަތް ބެލެހެއްޓުމަށެވެ. ޓީމުގެ ގިނަ ކުޅުންތެރިން ބޮޑަށް އިސްކަންދިން ތަން ފެނިގެންދިޔައީ ޓީމުގެ ފަހަތެވެ.

މުބާރާތުގައި އިންގްލޭންޑް ދެން ބައްދަލުކުރާނީ ސްކޮޓްލޭންޑާ އެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ކްރޮއޭޝިއާ ނިކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ.