ޔޫރޯގައި ހިމެނޭ ކޮންމެ ގްރޫޕަކީ ވެސް ވަރުގަދަ ޓީމުތަކެއް އެކުލެވޭ ގްރޫޕުތަކެކެވެ. މި މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ ޔޫކްރެއިން އާއި ނެދަލޭންޑްސް މިރޭ ރާއްޖެގަޑިން 00:00 ގައި ބައްދަލުކުރާނެ އެވެ.

ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ނެދަލޭންޑްސްގައެވެ. އެ ގައުމުގެ އެންމެ ބޮޑު އެއް ސްޓޭޑިއަމް ކަމަށްވާ އެމްސްޓަޑަމް ގެ ޔޯހަން ކްރައިފް އެރީނާގައި މި މެޗު ކުޅޭއިރު މިއީ މި ގްރޫޕުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ އެވެ.

މި ދަނޑުގެ ކެޕޭސިޓީ އަކީ 55،000 އެވެ. އެއްފަހަރާ މި އަދަދަށް ކުޅިބެލުންތެރިންނަށް މެޗު ބެލޭނެ ޖާގަ އޮތް ނަމަވެސް ކޮވިޑުގެ މި ހާލަތާއި ގުޅިގެން މެޗު ބެލުމުގެ ފުރުސަތު ލިބެނީ ގާތްގަނޑަކަށް 10،000 އެއްހާ ސަޕޯޓަރުންނަށެވެ. މިއީ ޔުއެފާޢިން މުބާރާތުގެ މެޗުތައް ކުޅޭއިރު ދަނޑަށް ވައްދަން ކަނޑައެޅި މިންވަރެވެ.

މި ދެ ގައުމު މިހާތަނަށް ބައްދަލުކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އޭގެތެރެއިން އެއް މެޗު ނެދަލޭންޑްސް ކާމިޔާބުކޮށްފައިވާ އިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ނެދަލޭންޑްސް

ކޯޗު: ފްރޭންކް ޑި ބޮޔާ

ކެޕްޓަން: ޖޯޖީނިއޯ ވައިނަލްޑަމް

ނިކް ނޭމް: އޮރެންޖް

ކޮލިފައިވި ގޮތް: ގްރޫޕް ސީގެ ރަނަރަޕް

ޔޫރޯއިން ލިބުނު އެންމެ ބޮޑު ކާމިިޔާބީ: ޗެމްޕިއަން (1988)

އާންމުކޮށް ކުޅޭ ފޯމޭޝަން: 3-3-4

ޔޫކްރެއިން

ކޯޗު: އަންދްރޭ ޝެވްޗެންކޯ

ކެޕްޓަން: އަންޑްރޭ ޕްޔަޓޯވް

ނިކް ނޭމް: ސީނިއޯ ޒޮވްޓީ

ކޮލިފައިވި ގޮތް: ގްރޫޕް އޭގެ އެއްވަނަ

ޔޫރޯގެ އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް (2012،2016)

އާންމުކޮށް ކުޅޭ ފޯމޭޝަން: 3-3-4 އަދި 3-5-2

ދެ ޓީމުގެ ކޯޗުންގެ ބަސް

ފްރެންކް ޑި ބޮޔާ (ނެދަލޭންޑްސް)

ޔޫކްރެއިން އަކީ ރެކޯޑުތަކުން ނަތީޖާ ދަށް ޓީމެއް ނަމަވެސް އެއީ އަބަދުވެސް ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކޯޗު ފާހަގަކުރީ މި ޔޫކްރެއިން އެއީ ފަސޭހަ ޓީމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ނެދަލޭންޑްސް މިފަހަރު މުބާރާތަށް ތައްޔާރުވި ވަރަށް ބަލާއިރު މި މެޗަކީ ނަތީޖާ ނެރެވޭނެ މެޗެއް ކަމަށް ކޯޗު ގަބޫލުުކުރެއެވެ.

ނެދަލޭންޑްސްގެ އުއްމީދަކީ ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަބުރަށް ދަތުރުކުރުމެވެ. އެހާހިސާބަށް ދެވޭނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްގެން ކަމަށް ކޯޗު ބުނެއެވެ. އެހެންކަމުން ޔޫކްރެއިން މެޗު ވާދަވެރި ވާނެ ކަމަށް ކޯޗު ގަބޫލުކުރެއެވެ. އަނެއްކޮޅުން މުހިއްމު ގިނަކުޅުންތެރިން ފިޓުވުމާއި އަނިޔާގެ މައްސަލައެއް ނެތުމަކީވެސް ކޯޗަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ނެދަލޭންޑްސް ޓީމުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ޓީމުގެ އުއްމީދީ ޑިފެންޑަރު މެތައިސް ޑި ލީޓް އަށް ކުޅުމުގެ ފުރުސަތު ހަނިވުމެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ ފެނުން އެކަށީގެންވާ ކަމަށް ކޯޗުގެ ވާހަކަތަކުން އެނގިގެންދެއެވެ.

އަންޑްރޭ ޝެވްޗެންކޯ (ޔޫކްރެއިން)

ޝެވްޗެންކޯ އަކީ ޔޫކްރެއިންގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ކޯޗު ފާހަގަކުރާ ގޮތުގައި މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް ނެދަލޭންޑްސް ޓީމާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭ ވަރުގެ ސްކޮޑެއް އޮތުމަކީ ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ޔޫކްރެއިން އާއި ނެދަލޭންޑްސް މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.