ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޮލޭންޑުން ސްލޮވޭކިއާ އަތުން ބަލިވި މެޗުގައި ޕޮލޭންޑުގެ ކީޕަރު ވޯޝެޒް ޝެޒްނީ ހެދުނު ގޯހަކުން އޭނާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޔޫރޯގެ ތާރީހުގައި ބައިކޮޅަަށް ލަނޑުޖެހި ފުރަތަމަ ކީޕަރަކަށް އޭނާ ވެއްޖެއެވެ.

މިއީ ޝެޒްނީ ބޭނުންވާނެ ރެކޯޑެއް ނޫނެވެ. މި ގޯލު ޝެޒްނީ އަތުން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ސްލޮވާކިއާގެ ރޮބާޓް މަކް ފޮނުވާލި ހަމަލާއެއް ކީޕަރު ގައިގަ ޖެހިފައެވެ.

ޕޮލެންޑުގެ ދެ ކުޅުންތެރިއެއް ކައިރިން ރީތިކޮށް ދެމިގަނެގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އެ ބޯޅަ ފުރަތަމަ ދަނޑީގައި ޖެހުމަށްފަހު ޝެޒްނީގެ ގައިގައި ބޯޅަ ޖެހިގެންނެވެ.\އެއާއެކު އެއީ ބައިކޮޅަށް ވަން ލަނޑެއް ކަމަށް ނިންމިއެވެ.

މިއީ މިފަހަރުގެ ޔޫރޯގައި ބައިކޮޅަށް ލަނޑު ވަދެފައިވާ ދެވަނަ މެޗެވެ. ނަސީބު ކަން ދިމާކުރި ގޮތުން މި ދެ ލަނޑުވެސް ޖަހާފައިވަނީ ޔުވެންޓަސް އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.

ބައިކޮޅަށް ފުރަތަމަ ލަނޑު ޖަހާފައިވަނީ މުބާރާތް ހުޅުވި މެޗުގައި އިޓަލީ އާއި ތުރުކީ ބައްދަލުކުރި މެޗުގައި ތުރުކީގެ ޑިފެންސްލައިނުގައި ހަރަކާތްތެރިވި ޑެމިރަލް އަތުންނެވެ.

މިފަހަރުގެ ޔޫރޯގައި ގިނަ ރެކޯޑުތަކެއް މިހާތަނަށް އާކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް އެންމެ ދުރުން ކުޅުންތެރިއަކު ޖެހި ލަނޑު ފެނިގެންދިޔައީ ޗެކް ރިޕަބްލިކާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗުގައެވެ. ދަނޑުގެ މެދަކާ ހިސާބުގައި ހުރެފައި ކީޕަރު ބޯމަތިން އެ ބޯޅަ ގޯލަށް އޮއްސާލީއެވެ. މީގެއިތުރުން މުބާރާތުގެ ތާރީހުގައި ކުޅެން އެރި އެންމެ ހަގު ކުޅުންތެރިއާގެ ޝަރަފް އިނގިރޭސި ކުޅުންތެރިޔާ ބެލިންގހަމް ވަނީ ހޯދާފައެވެ. އެއީ އުމުރުން 17 އަހަރުގައި ކުޅެގެންނެވެ.