މިނިވަން ދުވަހާއި ދިމާކޮށް ނ.މަނަދޫ ޗެސްޓަރ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ "ޗެސްޓަރ ވިމެންސް ފުޓްސަލް ޓޯނަމަންޓް" ގެ ފޯރިގަދަ ސެމީފައިނަލުގެ މެޗުތައް މިރޭ ކުޅޭނެ އެވެ.
ރާއްޖޭގެ މަގްބޫލު އެއް މޮބައިލް ފިހާރަ ކަމަށްވާ ބެސްޓް ބައި މޯބައިލްގެ މެއިން ސްޕޮންސަރކަމުގެ ދަށުން މި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 7 ޓީމާއެކު ލީގު އުސޫލުންނެވެ. ސެމީފައިނަލަށް ހޮވިފައިވަނީ މި ހަތް ޓީމުގެ މެދުގައި ކުޅުނު މެޗުތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމެވެ.
ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ތާވަލުގެ އެއްވަނައިގައި ޖުމްލަ 15 ޕޮއިންޓާއެކު އެކު އޮތް ބްލޮސޮމް އެފްސީ އާއި ތާވަލުގެ ހަތަރުވަނައިގައި 10 ޕޮއިންޓާއެކު އޮތް ވައި ނޮޓް އާއެވެ. މަނަދޫ ފުޓްސަލް ދަނޑުގައި މި މެޗު ކުޅޭނީ މިރޭ 20:45 ގައެވެ.
ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ 21:45 ގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ސިސާޑާ ގާލްސް އާއި ތިންވަނައިގައި އޮތް ޓީމް ފެނަކަ އެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ.
ފޯރިގަދަ މެޗުތަކެއް ކުރިޔަށްދާ މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ހިމެނޭ ކުޅުންތެރިއަކީ ވައި ނޮޓް ޓީމުގެ ފާތިމަތު ރަނާ އެވެ. އޭނާ މި މުބާރާތުގައި ޖެހި ލަނޑުތަކުގެ އަދަދު ވަނީ 9 އަށް އަރާފައެވެ. އޭނާއާއި ޖެހިގެން ދެވަނައިގައި ހިމެނޭ ކުޅުންތެރިއަކީ އެއްވަނައިގައި އޮތް ބްލޮަސޮމް ޓީމުގެ ހަމްނާ އިބްރާހީމެވެ. އޭނާ ވަނީ މިހާތަނަށް 6 ލަނޑު ޖަހާފައެވެ.
މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ގައެވެ. އެފަހަރު މުބާރާތުގައި ވެސް ވާދަކޮށްފައިވަނީ 7 ޓީމެވެ.
އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބަބުރު އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބްލޮސޮމް 5-0 އިން ބަލިކޮށްގެންނެވެ.