ބާސާގެ އާ އެއްބަސްވުމުގައި މެސީ ސޮއި ނުކުރަން ނިންމުމާ ގުޅިގެން އޭނާ ހޯދުމަށް ފްރާންސްގެ ޕީއެެސްޖީން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މެސީ ބާސެލޯނާއާއެކު އިތުރު އެއްބަސްވުމަކަށް ނުދާނެކަން ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް ޕީއެސްޖީން މެސީއާ މަޝްވަރާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން މަސައްކަތްކުރަނީ ބޮޑު އަގުގައި މެސީ ގެންނާށެވެ. ނަމަވެސް އެއީ އެއްފަހަރާ ފައިސާ ނުދައްކާ ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވޭތޯއެވެ. މިކަމާ ގުޅިގެން ޕީއެސްޖީން އަދި ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ކުރިޔަށްއޮތް ވަގުތުގެ ތެރޭގައި ސިޓީއާއި އިނގިރޭސި ބޮޑެތި ކުލަބުތަކެއް މެސީ ހޯދުމުގެ ރޭހުގައި ބައިވެރިވާނެއެވެ.

މިދިޔަ އަހަރު މެސީ ގެންދިއުމުގެ މަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. ނަމަވެސް އެފަހަރު އެކަން މަޑުޖައްސާލީ މެސީގެ ޓްރާންސްފަރ ފީ 200 މިލިއަނަށްވުރެ މައްޗަށް އެރުމުންނެެވެ. އޭރު މެސީ ހުރީ ބާސާގެ އެއްބަސްވުމުގައެވެ. އަހަރެއްވީ އިރުވެސް މެސީގެ ކަންކަން ހަމަޔަކަށް ނޭޅުވުނުއިރު ބާސާގެ ޝަކުވާއަކަށް ވީ ލަލީގާގެ މާލީ އޮނިގަނޑެވެ. އަދި މެސީ ބާސާއަށް ސޮއިނުކުރެވުނީ އެ ސަބަބާ ހެދި ކަމަށް އެ ކުލަބުން ބުނެފައިވެއެވެ.

ޕީއެސްޖީން ވަނީ މިފަހަރު ވަރުގަދަ ކުޅުންތެރިންތަކެއް ބޮޑު އަގުގައި ގެނެސްފައެވެ. އެގޮތުން ނިމިދިޔަ ޔޫރޯގެ މޮޅު ކީޕަރު ކަމަށްވާ އިޓަލީގެ ޑޮނަރުއްމާ ސޮއިކުރި އިރު ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް ވެސް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ސޮއިކޮށްފައެވެ.

މީގެއިތުރުން އިންޓަމިލާނަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ވަނީ 70 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ސޮއިކޮށްފައެވެ.