އެންމެ ފަހުގެ އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަތްދަށުކޮށް ލެސްޓާ ސިޓީން އިނގިރޭސި އެފްއޭގެ ކޮމިއުނިޓީ ޝީލްޑް އުފުލާލަައިފި އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ލެސްޓާ ސިޓީން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް އުފުލާލި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ޝީލްޑް އުފުލާލާފައިވަނީ މީގެ ފަންސާސް އަހަރު ކުރިން 1971 ގައެވެ.

މިއީ ލެސްޓާގެ ތާރީޚުގައި އެ ޓީމުން އެފްއޭ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީއެ ކުލަބު ފަހުރުވެރިވާ ބޮޑު ކާމިޔާބީއެކެވެ. އަދި ކޮވިޑުގެ ސަބަބުން އަޑިއަޅާފައިވާ ކުލަބު އަލުން ކޮޅަށް ޖެހުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ތަނަވަސްވިއެވެ. ލެސްޓާ ސިޓީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިހެނާޗޯއެވެ.

މެންޗެސްޓަރ ސިޓީން ވަނީ ދެވަނަ ހާފުގައި އެ ޓީމަށް 100 މިލިއަން ޕައުންޑަށް ގުޅުނު އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިޔާ ޖެކް ގްރީލިޝް ކުޅެން އަރުވާފައެވެ. ނަމަވެސް އޭނާގެ ޖާދުލެއް މި މެޗުގައި ފެނިގެނެއް ނުދެއެވެ.

ގްރީލިޝް މި މެޗުގައި ކުޅެނީ

ލެސްޓާ ސިޓީއަކީ ނިމިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަން ޓީމެވެ. މި ސީޒަން ފެށުމުގެ ކުރިން ކުޅުނު ކޮމިއުނިޓީ ޝޯލްޑް މެޗު ކާމިިޔާބުކުރުމާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެކަކަކީ ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޯޖާސް އެވެ. ރޯޖާސް ބުނިގޮތުގައި މި މެޗުންވެސް ލެސްޓާގެ ނުރައްކާކަމާއި އެ ޓީމުގެ ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ލީގު ކަމަށްވާ ޕްރިމިއަރ ލީގުގެ ކުޅުން ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު އެވެ.