ފްރެންޗް ލީގަށް ޕްރޮމޯޓުވި ޓުއާ ހަނިގޮތަކަށް ބަލިކޮށް ފްރެންޗް ލީގުގެ ފެށުން ޕްރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ރަނގަޅުކޮށްފި އެވެ.

ޓުއާގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ ފަހަތުން އަރާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޓުއާ ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވާލިދު އަލް ހަޖަމް އެވެ. އޭނާ މި ލަނޑު ޖެހީ ޑިލާ ޝަމްބޯސްޓް ނެގި ކޯނަރަކުންނެވެ. މި ލީޑުގައި އެ ޓީމަށް މާ ގިނައިރަކު ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

މި ލަނޑު ޖެހިތާ 10 މިނެޓުފަހުން ޕީއެސްޖީން ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހައިދިނީ މި ސީޒަނަށް 60 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވި އަޝްރަފް ހަކީމީ އެވެ. އޭނާ މި ލަނޑު ޖެހީ އަންޑަ ހެރޭރާ ދިން ފުރުސަތަކުންނެވެ. މި ލަނޑަށްފަހު ވެސް އޭނާ ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި މެޗުން ޕީއެސްޖީ މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މައުރޯ އިކާޑީ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ކީލިއަން އެމްބާޕޭ ތަނަވަސްކުރި ފުރުސަތަކުންނެވެ.

ފްރެންޗް ލީގު ޕީއެސްޖީން މޮޅަކުން ފެށިއިރު މިދިޔަ ސީޒަނަކީ ޕީއެސްޖީއަށް ހިތްދަތި ސީޒަނެކެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަނަކީ ލިލް އެވެ. މި ސީޒަން ފެށުމުގެ ކުރިން ކުޅުނު ފްރެންޗް ސުޕަ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ލިލް އެވެ. އެއީ ޕީއެސްޖީ ބަލިކޮށްގެންނެވެ.

ފްރެންޗް ލީގުގައި ޕީއެސްޖީ ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޓްރަސްބޯގް އާއެވެ. މި މެޗު ކުޅޭނީ ޕީއެސްޖީގެ ދަނޑުގައެވެ.