ބާސެލޯނާގެ ރަސްމީ ދަނޑު ކަމަށްވާ ކޭމްޕް ނައުގައި ގެ ބޭރު ޑިސްޕްލޭގައި ހުރި މެސީގެ ފޮޓޯތައް ނަގަން ފަށައިފިއެވެ.

މި ފޮޓޯތައް ނަގަން ފަށާފައިވަނީ މެސީ ފްރާންސްގެ ޕީއެސްޖީއާއި ގުޅުމަށް އެ ގައުމަށް ފުރަން ވަގުތު ގާތްވެފައިވަނިކޮށެވެ. ބޮޑު ޑިސްޕްލޭގައި ހުރި މެސީގެ ފޮޓޯގެ އިތުރުން ދަނޑުގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ މެސީގެ ފޮޓޯތައްވެސް ދަނީ ނަގަމުންނެވެ.

މެސީ ވަނީ ބާސެލޯނާއާއެކު 20 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފައެވެ. އޭނާ އެ ކުލަބާއި ވަކިވާން ޖެހުނީ ލަލީގާގެ މާލީ އޮނިގަނޑުގެ ސަބަބުން އެ ކުލަބުގައި އޭނާއަށް ކުޅެން އެއްވެސް ފުރުސަތެއް ނެތުމުންނެވެ. އެއީ މެސީގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން އެއްބަސްވި ނަމަވެސް ލަލީގާގެ ގަވާއިދު ބުނާގޮތުން އެކަން އެގޮތަށް ނުކުރެވޭތީ އެވެ. އަދި މެސީގެ މުސާރަ އެއަށްވުރެ ކުޑަކޮށްގެންވެސް އެ އުސޫލުގެ ދަށުން ކުޅުމުގެ ފުރުސަތެއް ނެތީމައެވެ.

މެސީގެ ފޮޓޯތައް ނަގަނީ

ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން ރަސްމީކޮށް ވަނީ އެ ކުލަބުގެ ހުރިހާ ޕްރޮމޯޝަނަލް ހަރަކާތްތަކުން މެސީގެ ނަމުގައި ހުރި ޖާރޒީތަކާއި އެކި ބޭނާތަކާއި ޕޯސްޓަރުތައް ބާސެލޯނާގެ އެކި ހިސާބުތަކުން ނަގަން އަންގާފައެވެ. މިއަދު މިއީ އެ މަސައްކަތުގެ ފެށުމެވެ.

ބާސެލޯނާގެ ތާޜީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ. އެ ކުލަބުުގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 10 ސްޕެނިޝް ލީގާއި ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދާފައެވެ.