އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށް ޓޮޓެންހަމް އިން އާ ސީޒަނުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ޓޮޓެންހަމް ނެރުނު ޓީމު ލިސްޓުގައި ހެރީ ކޭން ނުހިމެނެއެވެ. އޭނާ ޓީމު ލިސްޓުގައި ނެތް އިރު، ކޭން ސިޓީއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއް ދަނީ ދައުރުވަމުންނެވެ.

ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔމި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ސޮން ހެއުންގް މިން އެވެ. މެޗުގެ ދެވަނަ ހާފުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ސްޓީވަން ބާވިން ތަނަވަސްކުރި ފުރުސަތަކުންނެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސޮން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީއަށް 100 މިލިއަން ޔޫރޯއަށް ގުޅުނު ޖެކް ގްރީލިޝް ކުޅެފައިވެއެވެ. ނަމަވެސް މާ ބޮޑު ތަފާތެއް އޭނާގެ ކިބައިން ނުފެނެއެވެ. ގްރީލިޝް އަށް މި މެޗުގައި ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ.

ޓޮޓެންހަމްގެ އާ ކޯޗު ނޫނޯގެ ރަސްމީ ކުޅުމުގެ ވައްޓަފާޅި މި މެޗުގައި ޓޮޓެންހަމް ކުޅެފައިވެއެވެ. އެއީ ޑިފެންސްލައިނު އަދި އެޓޭކިން ލައިނުގެ ޑިސިޕްލިން މޮޅު ކުޅުމެވެ. މެޗަށްފަހު ކޯޗުވެސް އެންމެ ބޮޑަށް ފާހަގަކުރީ ކުޅުމުގެ ވައްޓަފާޅިއަށް ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމެވެ.

ސިޓީ އާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

މި މެޗުގައި ސިޓީއަށް ލަނޑުޖަހަން ލިބުނީ ނިސްބަތުން މަދު ފުރުސަތުތަކެވެ. ސިޓީ ފެނުނީ ރަނގަޅަށް ކުޅުމުގެ ތެރެއަށް ވަނުމަށް ދަތިތަކާއި ކުރިމަތިލާން ޖެހުނު ތަނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ނޫނޯ ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި މި ނަތީޖާގެ ސަބަބުން ކުޅުންތެރިންނަށް މި ލީގުގައި ކުރިޔަށްދާން ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި ކުރިޔަށްހުރި މެޗުތަކުގައި ވެސް ތަފާތު ނަތީޖާއެއް ނެރެން މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ. އަދި ހާއްސަކޮށް މި މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުން އޭނާ ފާހަގަކުރި އެވެ.

ސިޓީ އާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން

މެންޗެސްޓަރ ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި ފުރަތަމަ މެޗުކަމުން މިއީ އަދި ހިތްހަމަޖައްސާލެވިދާނެ ނަތީޖާއެއް ކަމަށެވެ. ނަމަވެސް ކުރިޔަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެްއް ނެރެން ރަނގަޅުކުރަންޖެހޭ ކަންކަން ފެނިގެންދިޔަ ކަމަށްވެސް ކޯޗު ބުންޏެވެ.

ޕްރިމިއަރ ލީގުގައި މިގަޑީގައި ދެން ކުޅުނީ ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުުކުރީ ވެސްޓް ހޭމް އެވެ.