މިއަހަރުގެ އޮކްޓޯބަރު މަހު މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.

ގައުމީ ޓީމުން ފަރިތަކުރުންތައް ފަށަނީ އެންމެފަހުން ނިމިގެންދިޔަ އޭއެފްސީ ކަޕުގައި ވާދަކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގައުމީ ސްކޮޑުގައި ހިމެނުނު 11 ކުޅުންތެރިންނާއެކު އެވެ.

ތަޖުރިބާކާރު ދިވެހި ކޯޗިން ޓީމަކާއެކު މިފަހަރުގެ ސާާފް ޗެމްޕިއަންޝިޕާއި ގައުމީ ޓީމު ކުރިމަތިލަނީ ކޯޗަކަށް އަލީ ސުޒެެއިން ހުރެގެންނެވެ. އެސިސްޓަންޓުންގެ ގޮތުގައި ކީޕަރު އިމްރާން އާއި އިސްމާއީލް މަހްފޫޒް (އިންމަ) ހަރަކާތްތެރިވާނެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ރާއްޖެއިން ފެށިއިރު އަންނަ މަހު ޔޫއޭއީގައި ގައުމީ ޓީމުން ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ

އެފްއޭއެމުން އާންމުކުރި ސާފް ޗެމްޕިއަންޝިޕްގެ އާ ޝެޑިއުލްގައިވާ ގޮތުން ކޮންމެ ޓީމަކަށްވެސް ކުޅެންޖެހޭ ދެ މެޗުގެ ދެމެދު އެއް ދުވަސް އިތުރަށް ލިބިގެންދެއެވެ. ކުރިން އޮތްގޮތުން ބައެއް ޓީމުތަކަށް ރެސްޓުކުރާނެ އިތުރު ދުވަސްތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ހަމަހަމަ ފުރުސަތު ކޮންމެ ޓީމަކަށް ނުލިބެއެވެ. މި ބަދަލާއި އެކު ކޮންމެ ޓީމަކަށްވެސް ލިބެނީ ހަމަހަމަ ފުރުސަތުތަކެކެވެ.

ޝެޑިއުލަށް ބަދަލު ގެނައި ނަމަވެސް ރާއްޖެ ކުޅެން ހަމަޖެހިފައި އޮތް ޓީމުތަކުގެ މެޗު ޝެޑިއުލަށް ބަދަލެއް ނާދެއެވެ. ކުރިންވެސް އޮތްގޮތަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅޭނީ އޮކްޓޯބަރު 1 ގައެވެ.

ބަދަލުތަކާއެކު ނެރުނު އާ ޝެޑިއުލް

ސާފް ޗެމްޕިއަންޝިޕުގެ ތައްޔާރީތައް ބާރަށް ކުރިޔަށްދާއިރު ދާދިފަހުން ވަނީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ޕްރީލިމިނަރީ ސްކޮޑެއް އެކުލަވާލާފައެވެ. މި ޓީމުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އާރިފް (ބަކާ) އަދި އަސްހަދު އަލީ (އަޑުބަރޭ) ހިމެނެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. އެއީ ބައިވެރިވި ގައުމުތައް މަދުވުމުންނެވެ. ބޫޓާނާއި ޕާކިސްތާން ފިޔަވާ ދެން މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ނޭޕާލް، ސްރީލަންކާ، ރާއްޖެ އަދި ބަންގްލަދޭޝް އެވެ. އިންޑިއާއިން މި މުބާރާތުގައި މިފަހަރު ވާދަކުރަނީ އެ ގައުމުގެ ސީނިއާ ޓީމެވެ

ރާއްޖެއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. 2018 ގައި ބޭއްވި އެ މުބާރާތް ރާއްޖެ ކާމިޔާބުކުރީ ގަދަބާރު އިންޑިއާ ބަލިކޮށްގެންނެވެ. އޭގެކުރިން 2008 ގައިވެސް ރާއްޖެ ވަނީ ސާފް ޗެމްޕިއަންޝިޕް އުފުލާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ލަދެއް އޮތިއްޔާ ގޮސް ހޯދައިގެން އޭގަ ބެދޭތި.. ކީކޭ ބުނާނީ

    2
    1
  2. ހެޔޮނުވާނެ..

    ބޭކާރު ޚަރަދުނުކޮށް ތިބެބަލަ.. ތިލާރިން ފެންބިލް އަދި ކަރަންޓް ބިލް ނުދެއްކި ހުރިފަރާތް ތަކުގެ ބިލްތައް ދެއްކިޔާ ކީއްތަ ވާނީ؟؟