ވޯލްޑްކަޕް ކޮލިފައިންގައި ސްވިޑަން އަތުން ވި ބައްޔާއެކު ސްޕެއިންގެ ތާރީހުގައި 1993 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިންގެ މެޗަކުން ބަލިވެއްޖެ އެވެ.

މިއީ 28 އަހަރަށްފަހު ވޯލްޑްކަޕް ކޮލިފައިންގެ މެޗަކުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން ސްޕެއިން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ސްޕެއިން ބަލިވެފައިވަނީ 1993 ގައި ޑެންމާކް އަތުންނެވެ.

ރެއާލް މެޑްރިޑުގެ ކުޅުންތެރިން ނުލާ އެކުލަވާލި ސްޕެއިންގެ މި ސްކޮޑަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅުގައި ލިބުނު މި ބައްޔާއެކު ގިނަބަޔަކު ދަނީ ސްޕެއިންގެ ކޯޗު ލުުއިސް އެންރީކޭއަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔަމުންނެވެ.

ސްވިޑަންގައި ކުޅުނު މި މެޗުގައި ސްޕެއިން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ކާލޮސް ސޮލެއާ އެވެ. މި ލަނޑު ޖެހިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ސްވިޑަން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސްވިޑަން އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލެކްސެންޑަރ އައިސާކް އެވެ. މެޗުން ސްވިޑަން މޮޅުވި ލަނޑު ޖަހާފައިވަނީ ކްލައެސަން އެވެ.

އައިސާކް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މި ނަތީޖާއާއެކު ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕު ބީގެ އެއްވަނަ ސްވިޑަން އަށް ވަނީ ލިބިފައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ ދެވަަނައިގައި ސްޕެއިން އޮތީ އެއް މެޗު އިތުރަށް ކުޅެގެން ހަތް ޕޮއިންޓާއެކު އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު ބަލްގޭރިއާ އާއި އެންމެފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި އިޓަލީގެ ލަނޑު ކާމިިޔާބުކޮށްދިނީ ފެޑެރިކޯ ކިއެސާ އެވެ. ބަލްގޭރިއާ އަށް އެއްވަރުކޮށްދިނީ އެޓާނަސް އެވެ. މި މެޗުން ނެރުނު ނަތީޖާއާއެކު އިޓަލީ ވަނީ ބައިނަލްއަޤްވާމީ މެޗުތަކުގައި ޖެހިޖެހިގެން 35 މެޗުން ބަލިނުވެ ސަލާމަތްވެފައެވެ. މިއާއެކު އެ ޓީމު ވަނީ ބްރެޒިލް އަދި ސްޕެއިންގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ކޮލިފައިންގެ ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސްވިޒަލޭންޑް އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު އެވެ

އިޓަލީގެ ކިއެސާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މީގެއިތުރުން ކޮލިފައިންގައި ރޭ ޖަރުމަނު ވަނީ ލެޗެސްޓައިން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗުގައި ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ލެރޯއި ސާނޭ އާއި ޓިމޯ ވާނާ އެވެ. މިއީ އެ ޓީމުގެ އާ ކޯޗު ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު ހަތަރު މެޗުން ގްރޫޕް ޖޭގެ އެއްވަނައިގައި އޮތީ އަރުމީނިއާ އެވެ. ދެވަނައިގައި ހަމަ މިއަދަދަށް މެޗު ކުޅެގެން އޮތީ ޖަރުމަނެވެ. އެ ޓީމަށް ދެވަނަ ލިބެނީ 9 ޕޮއިންޓާއެކު އެވެ.

އިންގްލޭންޑް ވަނީ ފަސޭހަކަމާއެކު ހަންގޭރީ 4-0 އިން ބަލިކޮށްފައެވެ. ހަންގޭރީގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހެރީ މެގުއާ އާއި ރަހީމް ސްޓާލިންގެ އިތުރުން ޑެކްލަން ރީސް އާއި ހެރީ ކޭން އެވެ. މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެވެ.