ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ދެކުނު އެމެރިކާ ބައްރުގައި ކުޅޭ ކޮލިފިކޭޝަނުގައި ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު އެ ބައްރުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް އޭނާ ހޯދައިފިއެވެ.

މެސީ ރެކޯޑު ހަދާފައިވަނީ އަމިއްލަ ގައުމުގައި ބޮލީވިއާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ.

މި ރެކޯޑު ކުރިން އޮތީ ބްރެޒިލްފެ ފުޓުބޯޅަ ލެޖެނެޑް ޕެލޭ އަތުގައެވެ. އެއީ ބްރެޒިލް ގައުމީ ޓީމަށް ކުޅެދިން 92 މެޗުގައި ކާމިޔާބުކުރި 77 ލަނޑާއެކު އެވެ. ބޮލީވިއާ ކޮޅަށް ހެޓްރިކް ހަދައިގެން މެސީ މި ރިކޯޑު މުގުރާލީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެދިން 153 މެޗުން އޭނާއަށް ކާމިޔާބުރެވުނު 79 ލަނޑުންނެވެ.

މެސީގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ލިއަންޑްރޯ ޕަރެޑޭސްގެ އެހީތެރިކަމާއި އެކުގައެވެ. ފުރަތަމަ ހާފުގައި ފެނުނީ އެއް ގޯލެވެ. މެޗުގެ 64 ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު އާޖެންޓީނާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ބައްރުގެ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރެޒިލް ވަނީ 2-0 ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށްފައެވެ. މި މޮޅާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ބައްރުގެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެ ޓީމު އަދި މިހާތަނަށް ކޮލިފައިން މެޗަކުން ބަލިނުވެއެވެ. ބްރެޒިލް އޮތީ މިހާތަނަށް އެ ޓީމު ކުޅުނު އަށް މެޗުން 24 ޕޮއިންޓް އެއްކޮށްގެންނެވެ. ދެވަނައިގައި އާޖެންޓީނާ އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.