ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލާނީ އާ ޗެލެންޖެއް ބޭނުންވާނަމަ ކަމަށް އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް ބުނެފިއެވެ.

ރޮނާލްޑޯގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ. ރޮނާލްޑޯ ގެނައުމަށް މިވަގުތު އެންމެ ބޮޑަށް ޝައުގުވެރިވަނީ އިޓަލީގެ ޔުވެންޓަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯގެ ކުރިމަގާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ޕޯޗުގަލްގެ ނޫހެއް ކަމަށްވާ "ރެކޯޑް" އަށް ދިން އިންޓަވިއުއެއްގައި މެންޑޭސް ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ އޭނާ އެ ކްލަބަށާއި އެ ކްލަބުގެ ރައީސް އަށާއި މުޅި ޓީމަށާއި މެޑިކަލް ސްޓާފުން އަދި ރެއާލްގެ ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމަށެވެ.

"ރޮނާލްޑޯ ރެއާލް ދޫކޮށްލާނަމަ، އެކަން ކުރާނީ އޭނާގެ ކާމިޔާބު ކެރިއަރުގައި އާ ޗެލެންޖެއް ބޭނުންވާނަމަ" މެންޑޭސް ބުންޏެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުތައް ބުނާއިރު މިދިޔަ މޭ މަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ ވަނީ ކުރިމަގާ މެދު ސަޕޯޓަރުންނަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ބުނެފައެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމައިފިނަމަ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ނޫނީ ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް މިހާތަނަށް 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ރެއާލްއާއެކު ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު އަދި ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެއާލް މެޑްރިޑްގެ ރައީސް

    ވާތީ މަގޭ ޓީމުގާ
    ދުނިޔޭގެ އެއް ވަނަ ދޯ
    ރީތި ރީތި ކުޅުމެއް ދޯ
    ރޮނާލްޑޯ އޭ ނިދޭނޭހޭ

  2. ހުސޭނުބޭ

    މެމްބަރު ޢަލީ ހުސޭނާއެކު މަސްކެނޑުމުގެ ޗެލެންޖަކަށް އަންނަންވީނު!