ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެއަކީ އަދިވެސް ބޮޑު ބާރެކެވެ. ދެން މި ސަހަރައްދުގައި ހިމެނޭ އެހެން ގައުމުތަކުން ވެސް ދެކެނީ އެހެންނެވެ. ދިވެހި ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު ރަނގަޅު ވާހަކައެވެ. ސަރަހައްދީ ގޮތުން ބަލާއިރު ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުމުންނެވެ. ނަމަވެސް އެއް ތަފާތެއް އެބަ ފެނެއެވެ. ދިވެހި ކުޅުންތެރިންގެ ފިޓްނަސް ލެވެލް ދަށް ވާހަކައެވެ.

މި ވާހަކަ އެންމެ ފުރަތަމަ ދައްކަން ޖެހެނީ 90 ގެ ފުޓުބޯޅައިގެ ތެރެއިންނެވެ. އޭރުގެ ފުޓުބޯޅަ ތަރިން ކަމަށްވާ ކުޑަމޫސަ، ލައްޗޭ، ސާޔާ، ތޮއްޑޫ ޝިޔާމް މެން ކުޅުނު ޒަމާނަށެވެ. އޭރު ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި މިހާރު އޮތް ވަރަށްވުރެ އެތަކެއް ގުނަ މައްޗެވެ. ކުޅުންތެރިންގެ ވޯކް ރޭޓު އެންމެ ބޮޑަށް ރަނގަޅުކުރަން މަޖުބޫރުވި އެއް ސަބަބަކީ ވެސް އެއީ އެވެ.

އޭރު ކުޅުންތެރިންނަށް އެންމެ ބޮޑަށް ވިސްނުވައިދިން އެއް ކަމަކީ ފަހު ވަގުތާއި ހަމަޔަށް ހިތްވަރާއެކު ކުޅުމަށެވެ. ނަތީޖާ ކޮންމެފަދަ ވަގުތެއްގައި ވެސް ބަދަލުވެދާނެ ކަމެވެ. އެކަން އޭރުގެ ކޯޗުންގެ ވާހަކަތަކުން ހާމަވެއެވެ.

ފަހު ވަގުތަށް ހިތްވަރުކުރި ކަން ސާބިތުވާ އެއް ނަތީޖާއަކީ ވޯލްޑްކަޕް ކޮލިފައިންގައި 2004 ވަނަ އަހަރު އޭޝިއާގެ ފުޓުބޯޅައިގެ ގަދަބާރު ދެކުނު ކޮރެއާ އަތުން އަމިއްލަ ދަނޑުގައި އެއްވަރުކުރި މެޗެވެ. މުޅި ޓީމު ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ހިތްވަރާއެކު ކުޅެފިނަމަ ރަނގަޅު ނަތީޖާއެއް ލިބިދާނެކަން މި މެޗުން އެކަނިވެސް ހާމަވެއެވެ.

އޭގެކުރިން 2001 ވަނަ އަހަރު އަމިއްލަ ދަނޑުގައި ޗައިނާ 1-0 އިން މޮޅުވި މެޗުގައި ވެސް ފާހަގަކުރެވުނު ކަމަކީ އެއީ އެވެ. އެއް ލަނޑު ޖެހުނު ނަމަވެސް އެއީވެސް އުނދަގުލުން އެ ޓީމަށް ޖެހުނު ލަނޑެކެވެ. އޭގެފަހުން އެތަކެއް ފުރުސަތު ތަނަވަސްކުރި ނަމަވެސް ޗައިނާއަށް ރާއްޖޭގެ ކުޅުންތެރިންގެ ހިތްވަރުން ނަތީޖާގެ ފަރަގު ބޮޑެއް ނުކުރެވުނެވެ.

ދެން އޮތީ މިހާރުގެ ވާހަކައެވެ. ކޮވިޑުގެ ހާލަތުގައި ގާތްގަނޑަކަށް އަހަރެއް ވަންދެން ވާދަވެރި ފުޓުބޯޅަ މެޗެއް ނުކުޅެ ހުރުމަށްފަހު ކުޅުނު ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ސީރިއާ އަތުން 4-0 އިން ބަލިވި މެޗަށްފަހު ދެން އޭގެފަހުން ޗައިނާ އާއި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ޓީމުން ވަރަށް ހިތްވަރުކުރި އެވެ. މެޗަކަށްފަހު މެޗެއް ކުޅުންތެރިންގެ ވޯކްރޭޓު ރަނގަޅުވިއެވެ.

އޭގެފަހުން ދެން ކުރިމަތިލީ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް އާއެވެ. އަމިއްލަ ގައުމުގައި ބޭއްވި އެ މުބާރާތަށް ތައްޔާރުވުމަށް ގައުމުން ބޭރުގައި ކޭމްޕުވެސް ކޮށްފައިވެއެވެ. ނަމަވެސް ނަތީޖާ ނިކުތީ ހީކުރިގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ނޭޕާލް އަތުން ވީ ބައްޔެވެ. މި މެޗުން ރާއްޖެ މޮޅަށް ކުޅެމުންދަނިކޮށް ނޭޕާލުން ރާއްޖެ ކޮޅަށް ލަނޑެއް ޖެހީ މެޗުގެ އެންމެ ފަހުކޮޅުގައެވެ. މަނީޝް އަކީ ދެވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިއެކެވެ. އެ މެޗުގެ 84 ވަނަ މިނެޓުގައި މަނީޝް މި ލަނޑު ޖެހީ ހާފުގެ މެދަކާއި ހިސާބުން ދުވެ ގޯލު އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްގެންނެވެ.

ލަންކާއިން ރާއްޖެ ކޮޅަށް ލަނޑުޖެހުމުން ކުޅުންތެރިން މާޔޫސްވެފައި-- ވަގުތު އިމޭޖަސް އަބްދުﷲ އަބީދު

އެންމެ ގޯހެއްގެ ސަބަބުން މުޅި މެޗުގެ ނަތީޖާ ބަދަލުވީ އެވެ. އޭގެފަހުން ބަންގްލަދޭޝް މެޗުގައި ދިވެހި ޓީމުގެ ފަރާތުން ކުޅުން ރަނގަޅެވެ. ދަގަނޑޭ އާއި ހަމްޒާގެ ލަނޑުން އެ ޓީމު ބަލިކުރިއިރު ދެން ކުޅުނު މެޗުގައި ކުރިމަތިލީ ސްރީލަންކާއާއެވެ. އެ މެޗުގައި ދިވެހި ޓީމުން ލަނޑެއް ޖަހާފައިވަނިކޮށް ފަހުން ރާއްޖޭގެ ކީޕަރު ފައިސަލްއަށް އަނިޔާވެ ދަނޑުން ބޭލުމާއެކު މުޅި ޓީމު ޕްރެޝަރަށްދިޔަ އެވެ. އަދި ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ލަންކާ ފުލުފުލުން މެޗުގެ ފަހުކޮޅު ދިވެހި ގޯލަށް އަމާޒުކޮށް ހަމަލާ އުފެއްދިއެވެ. އެ މެޗުންވެސް ރާއްޖެ މޮޅުވީ ކިރިޔާ އެވެ. ލަންކާއިން މެޗުގެ ފަހުކޮޅު ވަނީ ރާއްޖެއިން މި މެޗުގައި އުފެއްދި ފުރުސަތުތަކުގެ ދެ ގުނަ އިތުރަށް ފުރުސަތު އުފައްދާފައެވެ. އޭގެފަހުން އިންޑިއާ އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ.

ދެން އޮތީ މިހާރު ލަންކާގައި ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގެ ވާހަކައެވެ. ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ނެގި ފިލާވަޅުތަކާއެކު އެ ޓީމުގެ ރޭވުން ކާމިޔާބުކޮށްފިއެވެ. އެއީ ދިވެހި ޓީމުން މެޗުގެ ފަހުކޮޅު ފިޒިކަލީ ވަރަށް ބޮޑަށް ބަލިކަށިވާނެ ކަމެވެ. އެ ދަނޑިވަޅުގެ ފައިދާ ނަގައިގެން ރާއްޖެ ހަތަރު ލަނޑުގެ ލީޑެއްގައި ވަނިކޮށް ދެވަނަ ހާފުގެ ފަހުކޮޅު އެ ޓީމަށް ކުޅޭ ވަސީމް ރަޒީކް ރާއްޖެ ކޮޅަށް ހަތަރު ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. އެ މެޗުން ލަންކާ މޮޅުނުވެ ދިޔައީ ހަމަ ކިރިޔާ އެވެ.

"އަހަރެމެންނަށް އެނގޭ ރާއްޖޭގެ ބަލިފައި، އެމީހުން މެޗުގެ ފަހުކޮޅު ފިޒިކަލީ ވަރަށް ބަލިކަށިވާނެ، ފިޓްނަސް ދަށްވާނެކަން، އަހަރެމެން އެތަންކޮޅަށް ބަލައިގެން ފަހުކޮޅު ވަރުގަދަކޮށް ކުޅުނީމަ ނަތީޖާ މިހެން މި ނިކުތީ" ލަންކާ ކޯޗު ބުންޏެވެ.

ރާއްޖޭގެ ކޯޗުވެސް މި ވާހަކަ ގަބޫލުކުރެއެވެ. އެއީ ދިވެހި ކުޅުންތެރިން ފިޓްނަސް މި މެޗުގެ ފަހުކޮޅު ގޯސްވިކަމެވެ. ފުރަތަމަ 60 މިނެޓު ދިވެހި ކުޅުންތެރިން މޮޅަށް ކުޅުނުކަމެވެ. އަދި 90 މިނެޓަށް އެއްވަރެއްގައި ކުޅުމުގެ މުހިއްމުކަން ކުޅުންތެރިން ވިސްނައިދިނުމެވެ. ދެން އޮތް ސުވާލަކީ މިހާ ދުވަސް ލިބުނުއިރު މިކަމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީ ކީއްވެތޯ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ދިވެހި ޓީމަށް ތައްޔާރުވާން ދުވަސްތަކެއް ލިބުނެވެ. ފިޓްނަސް ލެވެލް ރަނގަޅުކުރަން މަސައްކަތްކުރާނެ ގިނަ ވަގުތު ލިބުނެވެ.

އާ ކޯޗާއެކު ލަންކާގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

އަވައްޓެރި ލަންކާއިން ވަނީ ސާފް ޗެމްޕިއަންޝިޕުން ކެޓުމާއެކު މި މުބާރާތުގެ ތައްޔާރީތައް ވަގުތުން ފަށާފައެވެ. އެ ޓީމުން އެންމެ ބޮޑަށް ފޯކަސްކުރީ މިހާރު އެ ޓީމުގައި ތިބި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކޮށް ނަތީޖާ ނެރުމަށެވެ. ސާފް ޗެމްޕިއަންޝިޕުގައި ވަކި އަމާޒެއް ނެތް ނަމަވެސް މި މުބާރާތުގައި ވަރުގަދަ އަމާޒެއް އެ ޓީމުގައި އެބައޮތެވެ. އެ އަމާޒަށް ވާސިލުވާން އެ ޓީމުން ކުރި ބުރަ މަސައްކަތެވެ.

"ވަގުތު" އާއި ވާހަކަދެއްކި ނަން ހާމަކުރަން ބޭނުންނުވާ ރާއްޖޭގެ ތަޖުރިބާކާރު ކޯޗަކު ބުނީ ގިނަ ޓީމުތަކަށް މިހާރު ރާއްޖޭގެ ބަލިފައި އެނގޭނެ ކަމަށާއި އެކަން ރަނގަޅުކުރަން ކޮންމެހެން ވެސް ޖެހޭ ކަމަށެވެ. އަދި ގިނަ ބަދަލުތަކެއް އެ ދަނޑިވަޅުގައި ގެންނަންޖެހޭ ކަމަށާއި ފެނުނީ ކުޅުންތެރިން ވަރުބަލިވި އިރުވެސް އެއްވެސް ކުޅުންތެރިއަކު ބަދަލުނުކޮށް ކުޅުނުތަން ކަމަށެވެ. އެންމެފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ކުޅެން އެރުވީ ލަންކާއިން ރާއްޖެ ޕްރެޝަރަށް ދުއްވާލި ދަނޑިވަޅުގައި ކަމަށެވެ.

"އެބަޖެހޭ ވަރަށް ސަމާލުވާން، އެއީ ސާފް ޗެމްޕިއަންޝިޕުން އެމީހުންނަށް އެނގޭ ދިވެހި ޓީމުގެ ބަލިފަޔަކީ ފިޓްނަސްކަން، 90 މިނެޓު އެއްކޮށް ދިވެހި ޓީމަށް މިހާތަނަށް ރަނގަޅަށް ނުކުޅެވޭކަން، ޔަގީނުންވެސް މިހާރު ބަންގްލަދޭޝް އިން އެކަން ވަރަށް ރަނގަޅަށް ބަލާނެ، އެ ޓީމުން މަސައްކަތްވެސް ކުރާނެ ރާއްޖެ ޓީމު ކޮޅަށް ލަންކާ އެ ހެދި ގޮތަށް ލަނޑުޖަހަން، ކޯޗިން ޓީމުގައި ފެންވަރު ރަނގަޅު މީހުން އެބަތިބި، މިކަމަށް އެކަނި ވިސްނައިފިނަމަ ރާއްޖެއަށް ރަނގަޅު ނަތީޖާ ނެރެވިދާނެ" ކޯޗު ބުންޏެވެ.

ހަތަރު ގަައުމު ވާދަކުރާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ރާއްޖެ ދެން ބައްދަލުކުރަން ޖެހޭ ޓީމަކީ ބަންގްލަދޭޝް އެވެ. އަންނަ ހޮނިހިރު ދުވަހު އެ މެޗު ކުޅޭއިރު އެ މެޗަށް ތައްޔާރުވާން ރާއްޖެއަށް އެކަށީގެންވާ ވަގުތު އެބަ ލިބެއެވެ. ދިވެހި ހުރިހާ ސަޕޯޓަރުންނާއި ކުޅިވަރު އާއިލާގެ އެންމެ ބޮޑު އެދުމަކީ ދިވެހި ޓީމުން މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑައިވަރޭ

    ހުރިހާވެސް މައްސަލައަކީ ޑިސިޕްލިން، ކުޑަމޫސަ، ލައްޗޭ، ސާޔާ، ތޮއްޑޫ ޝިޔާމް މެންފަދަ ކުޅުންތެރިންނަކީ ވަރަށް ޑިސިޕްލިން ރަގަޅު ކުޅުންތެރިން، އެކުޅުންތެރިންނަކީ ދަންގަޑި ތަކުގައި މާލެ ތެރެއަށް ގިނަވެގެން އުޅުނު ބައެއް ނޫން..
    މިހާރުމިއުޅޭ ކުޅުންތެރިން މެޗުޑޭގެ ކުރީރޭގަވެސް ހޮަޓަލުގެ ބާރ، މަސާޖުޕާލަރ ތަންތަނުން ނުނިދާ އުޅޭ މީހުން ގިނައީ...

    12
  2. ރޭޓުސިނގި

    ހުރިހާ ވެސް މައްސަލަޔަކީ އެޓިޓިއުޑް. ފެގު ވެސް ބޯން ޖެހޭ. ވަރަށް ވެފަ ތިބެނީ. ޕްރޮފެޝަނަލް ކަމެއް ނެތް. ޕްރޯ އެތުލީޓުން އުޅޭ ގޮތް އަޅެ ބަލާލަބަލަ.

    11
  3. ފެގު

    މުބަރާތައް ކުޅުންތެރިން ތައްޔާރު ވާގޮތް
    1. ފެގު
    2. ކޮފީ
    3. މެޗު
    4. ރިޕީޓް

    11
  4. ޅަބޭ

    ތިހެއްވެއްޖެޔާ ބަލާބަލަ ގައުމީ ޓީމުގަ ސިގިރޭޓު ބޮނީ ކިތައް މީހުންތޯ...

  5. މުހައްމަދު އަހްމަދު

    ރާއްޖޭގެ ފިިޓްނަސް ލެވެލް ދަށެވެ. އެކަމަކު ދެވަނަ ހާފުގެ 64 ވަނަ މިނެޓާ ހަމައަށް އައިއިރު ރާއްޖެ ވަނީ 4 ގޯލުގެ ލީޑެއްގައެވެ. މެޗްގެ ބާކީ އޮތީ 24 މިނެޓެވެ. މިހާރު 5 ބަދަލު ކުރެވެއެވެ. ބޮޑަށް ވަރުބަލިވެފައިތިބި 5 ކުޅުންތެރިއަކު ބަދަލު ކުރިނަމަ، 24 މިނެޓް ވަންދެން އެ 5 ކުޅުންތެރިން ރަނގަޅަށް ކުޅޭނެއެވެ. މައްސަލައަކީ، މާ އަވަހަށް ކޯޗް ބަދަލު ކުރީމައެވެ.

    3
    4
  6. މޮރީނިއޯ

    ބަލި ފަޔަކީ ފިޓްނަސް އޭ ބުނަން ޖެހުމަކީވެސް ލަދުވެތިކަމެއް.
    އެތްލީޓެއްގެ ގައިގަ ހުންނަންޖެހޭ ބޭސިކް ކަމެއްމީ. އަމިއްލަޔަށް ވެސް އެނގެންޖެހޭ ސްޓެމިނާ އިތުރު ކުރަން ޖެހޭ ކަން.

  7. އަބްދޫ

    ފުރތަމަހާފުގެ 30 މިނިޓް ވަރަށް ރަނގަލަށް ކުޅޭނެ. ދެން ތިބެނީ ގުނބޯހިލިފަ، އަނެއްހާފު ފެށިގެން ރަނަގަލަށް ކުލެވެނީ 15 މިނިޓް ދެން ވަރުބަލިވެ ނުކުޅެވޭ. ލަންކާގެ ޓީމާ ކުޅުނު މެޗުން އެކަން ފެނިގެންދާނެ. ގިނަމީހުން ކައިބޮއިހަދަނީ ކޯންޗެއްކަމެއް ނޭގޭ.ވަރުބަލި ވަނީ ކައިބޮއި ހަދާތަކެތީގެ ގޮތުން ކަމުގަވެސް ވެދާނެ.

  8. ވިސް

    ގައުމީޓީމު ކުޅޭ ކޮންމެ މުބާރާތެއް 60 މިނެޓައް ބަދަލު ކުރަންވީ...ކޮންމެ ކޯޗަކު އަޔަސް ދައްކަނީ ތިވާހަކަ..ރަގަޅެއް ނުވި....

  9. އައްޓަމަސް

    ލާސް ލޯ ކިސް ބުނީ ކީކޭ؟ 1 ބުންވަރު 2 ބުންވަރު 3 ބުންވަރު އެގެފަހަށޭ ޓެކުޓިކުސް އައި އެހެން ކަންތައްތައް އަންނާނީ

  10. ފަޔާ

    ތިމައްސަލަ ހައްލުކުރަންޖެހޭތާ ކިތަންމެ އަހަރުތަކެއް މިވީ. އަދިވެސް ހަމަ އެކައްޗެއް. ހިތައްއަރާ މިކޮމެންޓުތައް ކޯޗުންނާއި ކުޅުންތެރިންވެސް ކިޔާނެ ނަމައޭ. މަމެން ހީކޮށްގެން މިތިބެނީ މި ޔަންގް ޖެނެރޭޝަން އަންނަ އިރަށް، އެކަޑެމީތަކުންނާ ކުލަބުގެ ޅަ ކުޅުންތެރިން އައުމުން ކަންތައްތައް ރަނގަޅުވެ ރީތި ޕްރޮފެޝަނަލް ފުޓުބޯޅައެއް ފެންނާނެއޭ. ކީއް ކުރާނީ، ދިވެހިންގެ އުންމީދު ފެނަށް. ރަނގަޅުވުމެއް ނެތް. މަރާފަ މިދަނީ. ފުޓުބޯޅަ ކުޅެނީ ހަވީރު މަޖަލަށް ކުޅޭހެން. ޕްރޮފެޝަނަލް ވާން ނޭނގެނީ

  11. ދސފ

    މިކަމެއް ނުވާނެ.
    އެހެން ކަމަކާ އުޅެންވީ.
    ކެރެންބޯޑު ކުޅޭ މީހުނަށް ސަޕޯޓްކުރަން ފަށަންވީ.
    ނެތްތަ ގަދަ ގޮލައެއް ސަޕޯޓް ކޮށްލާނެ