އެތްލެޓިކްސް އެސޯސިއޭޝަނުން ބޭއްވި ގައުމީ މުބާރާތުގެ އަންހެން ބައިން އެންމެ ކާމިޔާބު ދުވުންތެރިއަކަށް އައްޑޫސިޓީއަށް ނިސްބަތްވާ އައިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.

އޭނާ ވަނީ ނިމިދިޔަ ގައުމީ މުބާރާތުގައި އެންމެ މޮޅު އަންހެން އެތްލީޓުގެ ޓްރޮފީ ދިފާއުކޮށް މި މުބާރާތުގައި ތިން ރަން މެޑަލް ހޯދާފައެވެ.

ހިމްނާ ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގައި 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން އޭނާ ވާދަކުރާ ކްލަބް ރާވެރިޔާ އާއެކު ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދައިފަ އެވެ.

ހިމްނާ ވަނީ 2019 ވަނަ އަހަރު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމާއެކު އެންމެ މޮޅު އެތްލީޓުގެ މަގާމު އުމުރުން އެންމެ 17 އަހަރުގައި ހޯދާފައެވެ.

އޭގެފަހުން ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ދުވަސްތަކަކަށް ފަހު އޭނާ ދެން ވާދަކުރީ ކެންޔާގެ ނައިރޯބީގައި މި އަހަރު ކުރިއަށްދިޔަ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައެވެ. ކެންޔާގައި ބޭއްވި އެ މުބާރާތުގައި ހިމްނާ ވަނީ 400 މީޓަރު ގައުމީ ރެކޯޑު ތިން ފަހަރެއްގެ މަތިން އާކޮށްފައެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ ކުރިއަރަމުން އަންނަ އަންހެން އެތްލީޓުންގެ ތެރޭގައި ހިމެނޭ ހިމްނާއަކީ އަހުލާގީގޮތުން ވެސް ރަނގަޅު އަދި މި ކުޅިވަރުން ކުރިއެރުންތަކެއް ހޯދާނެކަމަށް ގިނަ ކޯޗުން ފާހަގަކުރާ މޮޅު ދުވުންތެރިއެކެވެ.