މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ކުޅުން ފަށައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ވަނީ ޑަބަލްސް އިވެންޓުގެ 25 މެޗެއްގެ ކުޅުން ކުރިއަށްގޮސްފައެވެ. އެ މުބާރާތުގައި ރޭ އެންމެ ފާހަގަކޮށްލެވުނީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާގެ މެޗުތަކެވެ. އެ ޕެއާ ރޭ ކުޅުނު ދެ މެޗުން ވެސް ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ.

ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ފުރަތަމަ މެޗުގައި މުހައްމަދު އަކްސަމް ވަހީދާއި މުހައްމަދު ދުންޔާޒް އަތުން 7-1 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި ޝިފާއު އަބްދުﷲ އާއި މޫސާ ސާމިއުގެ ޕެއާ އަތުން މޮޅުވީ ސީދާ ހަތް ފްރޭމުންނެވެ. މުބާރާތުގައި ރޭ ހަސަން ޝާޒް މުހައްމަދާއި އިބްރާހިމް ހުޖާންގެ ޕެއާ ކުޅުނު މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ޔޫސުޕް ޒުބައިރާއި މުހައްމަދު ހަމްދޫންގެ ޕެއާއާ ވާދަކޮށް، ޝާޒާއި ހުޖާންގެ ޕެއާ މެޗުން މޮޅުވީ 7-6 ފްރޭމުންނެވެ. ޑަބަލްސް އިވެންޓުގައި ރޭ މުހައްމަދު ޝަރީފާއި އާދަމް ނަސީމް ވެސް ވަނީ އެ ޕެއާ ކުޅުނު ދެ މެޗުން މޮޅުވެފައެވެ. އެ ޕެއާގެ ފުރަތަމަ މެޗުގައި އަހުމަދު އިޔާދު ސައީދާއި އަހުމަދު މުއިއްޒު އަތުން 7-2 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި އަބްދުލް ހައްމާދު އަލީ އާއި އަނަސް މުހައްމަދުގެ ޕެއާ އަތުން މޮޅުވީ ފަސޭހަކަމާއެކު 7-1 ފްރޭމުންނެވެ.

އަހުސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާ ރޭ ކުޅުނު ދެ މެޗުން ވަނީ މޮޅުވެފައެވެ. އެ ޕެއާގެ ފުރަތަމަ މެޗުގައި ހުސައިން އިރުޝާދާއި އިބްރާހިމް ދައުސް އަތުން 7-3 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި މުހައްމަދު ޝުޖާއު އާއި އިސްމާއިލް ރިޒާގެ ޕެއާ އަތުން ވެސް މޮޅުވީ 7-3 ފްރޭމުންނެވެ.

މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗުތައް މިރޭ 8:45 ގައި ކުޅުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް އޭގެ ކުރިން މިއަދު ހަވީރު 4:30 ގައި ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް ކުރިއަށްދާނެއެވެ. ފުރަތަމަ ޑިވިޝަންގެ ސެމީގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވާދަކުރާ އިރު، ދެވަނަ ޑިވިޝަންގެ ސެމީގައި ވާދަކުރާނީ އިބްރާހިމް ރަޝީދާއި އައްބާސް ސައީދެވެ.

ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވާ ކުޅުންތެރިންނަށް ފައިނަލުން ޖާގައެއް ލިބޭނެއެވެ. މިހާތަނަށް ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ފައިނަލުގެ އެއް ޖާގަ ވަނީ ކަށަވަރުވެފައެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭންކިންގެ ހަވަނައިގައި އޮތް މުހައްމަދު ޝާހިލް ހަމީދު ހޯދާފައިވާ އިރު، ދެވަނަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ އަލީ ޝާވިންއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާ ދެ ކުޅުންތެރިން ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. އެ ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.