ގައުމީ ފުޓުބޯޅަ ޓީމުގައި އެންމެ ފާހަގަކުރެވުނީ ކުޅުންތެރިން ކޮލިޓީ ރަނގަޅުކަން ކަމަށާއި ދެން ބޭނުންވަނީ ފިޒިކަލީ ކުޅުންތެރިން ވަރުގަދަކުރަން ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ގައުމީ ކޯޗު ދިވެހި ޓީމަށް ތައުރީފުކުރަމުން މިހެން ބުނެފައިވަނީ އިޓަލީގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.

އިޓަލީގެ ނޫހަކާއި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ރާއްޖޭގައި ތިބި ފުޓުބޯޅަ ކުޅުންތެރިންގެ އަދަދު ކިތަންމެ ލިމިޓު ވިޔަސް އެ ކުޅުންތެރިން ޓެކްނިކަލީ ވަރަށް ރަނގަޅު ކަމަށެވެ. އަދި ކުރިޔަށްއޮތް ތަނުގައި ބޮޑަށް ފިޒިކަލީ ކުޅުންތެރިން ރަނގަޅުކުރަން މަސައްކަތްކުރަނީ ޒަމާނީ ފުޓުބޯޅައިގައި އެއީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ.

"މިތާ އެބަތިބި ލޯ ހުޅުވައިގެން ކަންކަން ދަސްކުރަން ބޭނުންވާ ކުޅުންތެރިން، ސެމީ ޕްރޮފެޝަނަލް ކުޅުންތެރިިން މިތަނުގައި ތިބީ، ކެތްތެރިކަމާއި އެކު އަހަރެން މަސައްކަތްކުރާނަން މި ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރަން" ކުރިން އިޓަލީގެ އިންޓަމިލާން އާއި ނަޕޯލީ އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ބައެއް މީހުން ރާއްޖެއަކީ ފުޓުބޯޅައިން ދަށް ލެވެލްއެއްގެ ބައެއްކަމަށް ބުނާ ބުނުމަށް ރައްދުދެމުން މޮރިއޭރޯ ބުނީ ދިވެހި ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބަލާއިރު މިއީ ދަށް ލެވެލްއެއްގެ ފުޓުބޯޅަ ކުޅޭ ގައުމެކޭ ބުނެވެން ނެތް ކަމަށެވެ.

"ރާއްޖެއަކީ ފުޓުބޯޅައިގެ ދަށް ލެވަލް ތަނެކޭ ބުނެ ވާހަކަ ދައްކާ މީހުން އެގޮތަށް ވާހަކަ ދައްކަނީ ކީއްވެގެންކަން ކަމެއް އަހަންނަކަށް ނޭނގެ،" ކޯޗު ބުުންޏެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް މޮރިއޭރޯ ހަމަޖެއްސީ ސާފް ޗެމްޕިއަންޝިޕަށްފަހު އެވެ. އޭނާ ކޯޗުކަމާއި ހަވާލުވެ އެންމެ ފުރަތަމަ ކުރިމަތިލީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތެވެ.