ދެ ލެގުންވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ފަސޭހަކަމާއެކު ޗެލްސީ ދަތުރުކޮށްފި އެވެ.

ޗެލްސީން ފުރަތަމަ ލެގު ކާމިޔާބުކޮށްފައި ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު ދެވަނަ ލެގު ޗެލްސީ ކާމިޔާބުކުރީ 1-0 އިންނެވެ. އެހެންކަމުން ޗެލްސީ ފައިނަލަށް ދިޔައީ 3-0 ގެ އެގްރިގޭޓުންނެވެ.

އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅޭނީ މިރޭ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.

މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ. މިއީ ކޯނަރަކުން އޭނާ ޖެހި ލަނޑެކެވެ. މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ސަބަބުން ޓޮޓެންހަމް އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ގެއްލިގެންދިޔަ އެވެ.

މީގެއިތުރުން ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިއީ ޓުޗެލްގެ މޭސްތިރިކަމުގެ ދަށުން އެ ޓީމު ކުޅޭނެ ހަތަރުވަނަ ފައިނަަލް މެޗެވެ.

ޗެލްސީގެ ތާރީހުގައި މިހާތަނަށް އެ ޓީމު ވަނީ ފަސް ފަހަރެއްގެ މަތިން އިނގިރޭސި ލީގު ކަޕު އުފުލާލާފައެވެ. އެންމެފަހުން އެ ޓީމު މި ތަށި އުފުލާލާފަައިވަނީ 2015 ވަނަ އަހަރުގައެވެ.