ލިބޭ މަޅި ފުޓްސަލް ޗެލެންޖް 2022 ގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެފްސީ ފަރުމަތި އާއި ފަސްގަނޑު އެފްސީ އެއްވަރުވި އިރު ބޮޑު ތަފާތަކުން އެފްސީ ލެވެލް މުބާރާތް މޮޅަކާއެކު ފަށައިފިއެވެ.

ގްރޫޕް ބީގެ ދެ މެޗުވެސް ކުޅުނީ އެއް ވަގުތެއްގައެވެ. އެގޮތުން އެފްސީ ފަރުމަތި އާއި ފަސްގަނޑު އެފްސީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަދި ކުލަބް ޖީޑީއެފް އަތުން އެފްސީ ލެވެލް މޮޅުވީ 16-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އެފްސީ ލެވެލް މި މެޗުގައި ޖެހި 16 ލަނޑުގެ ތެރެއިން ނުވަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒު (ހާއްޕެ) އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމަށް ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން އާއި ހުޒެއިފަތު ރަޝީދު އާއި އިބްރާހިމް ޝަނޫން ގެ އިތުރުން އައްޒާމް ނިޔާޒް އާއި ހުސެއިން އުސެއިލް އެވެ.

ހާއްޕެ ކުޅުންތެރިއެއް ކައިރިން ނައްޓާލަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މީގެތެރެއިން ހުޒެއިފަތު ރަޝީދު އާއި އަބްދުﷲ ރަޝީދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކުލަބް ޖީޑީއެފް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހިލް އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އެފްސީ ފަރުމަތި އާއި ފަސްގަނޑު އެފްސީ އެއްވަރުވިއިރު މި މެޗުގައި ފަރުމަތި ޓީމަށް ލަނޑު ޖަހައިދިނީ އަލީ ނާހިލް އަހުމަދެވެ. އަދި ފަސްގަނޑު ޓީމަށް ލަނޑު ޖަހައިދިނީ އަލީ އަބްދުﷲ އެވެ.

ފަރުމަތި އާއި ފަސްގަނޑު އެފްސީ ކުޅުނު މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.