ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ޖީގެ އެއްވަނަ ހޯދާ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ދެވަނަބުރަށް ބިގަލޯސް ދަތުރުކޮށްފިއެވެ.

ގްރޫޕްގެ އެއްވަނަ ބިގަލޯސް ކަށަވަރުކުރީ މިރޭ ކުޅުނު ގްރޫޕުގެ ފަހު މެޗުގައި ސީކޭ 6-2 އިން ބަލިކޮށްގެންނެވެ.

މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުގެ ޖާގަ ކަށަވަރުކޮށްފައި ވަނީ ކުލަބް އޯވަންއޯ އެވެ. މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުން އޯވަންއޯ ބަލިވެއްޖެ ނަމަ ދެވަނަބުރަށް ދާނީ ސީކޭ އެވެ.

ބިގަލޯސް އާއި ސީކޭ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ގްރޫޕުގެ އެއްވަނައިގައި ބިގަލޯސް އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ކުލަބު އޯވަންއޯ އޮތީ ހަ ޕޮއިންޓާއެކު އެވެ. ތިންވަނައިގަައި ސީކޭ އޮތީ ތިން ޕޮއިންޓާއެކު އެވެ. އަދި މި ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބުރު ސްޕޯޓްސް ކުލަބެވެ.

ބިގަލޯސް އެއްވަނަ ކަށަވަރުކުރި މި މެޗުގައި ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އަހުމަދު ހަމީދެވެ. ދެން އެ ޓީމަށް ލަނޑު ކާމިޔާބުކުރީ ޔާމިން މުހައްމަދާއި ހާރޫން އިބްރާހީމް އަދި ޖުމައިލް ޖަމީލް އާއި އަބްދުލް މުހައިމިން އެވެ. ސީކޭގެ ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު ލިޔާހު އާއި ހަމްދޫން އަހުމަދެވެ.

ދެވަނަބުރުގައި މި ދެ ޓީމު ބައްދަލުކުރަަން ޖެހޭ ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ ގްރޫޕްސްޓޭޖުގެ މެޗުތައް ނިމުމުން ނަގާ ގުރުނެގުމުގައެވެ.

ކުލަބް އޯވަންއޯ އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގަނޑުއެވެ. ގަދަ 16 ގެ އަށް މެޗުވެސް މާދަމާރޭ ކުޅޭއިރު ކޮންމެ ގަޑިއެއްގައި ދެ މެޗު އެއްފަހަރާ ކުޅޭނެއެވެ.