ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އޮސްމާން ޑެމްބެލޭ ހުންނަ އިރު އޭނާގެ ބޭނުން ކުލަބުން ފުރިހަމަޔަށް ހިފަންޖެހޭ ކަމަށް ޑެނީ އަލްވޭސް ބުނެފިއެވެ.

ޑެމްބެލޭ ވަނީ މި ޓްރާންސްފަރގައި ކުލަބު ބަދަލުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމަށް ފަހު އަދި މިވީހާތަނަށް އޭނާއަށް މެޗެއް ނުލިބެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑެނީ އަލްވޭސް އަދި ކޯޗު ޒަވީ ހެނާންޑޭޒްގެ އެދުމުގެ މަތިން އާދީއްތަ ދުވަހު އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ޑެމްބެލޭ ހިމަނާނެއެވެ.

"އޭނާ ބާސެލޯނާގައި ހުރިހާ ހިނދަކު އަހަރެމެން ޖެހޭނީ އޭނާ ދިފާއު ކުރަން. ސީޒަން ނިމުމުން އޭނާ ފުރައިގެން ހިނގައްޖެނަމަ ދެން ރަނގަޅު, އެކަމަކު އަދިވެސް ފަސް މަސް ބާކީ އެބައޮތް، އޭނާ އަދިވެސް މިތާ ހުރުމުން އެކަމުގެ ފައިދާ ނަގަން ޖެހޭ،" އަލްވޭސް ބުންޏެވެ.

"އަހަރެމެން މަސައްކަތް ކުރަނީ ބާސެލޯނާ އަލުން ތާވަލުގެ އެއްވަނައަށް ގެންގޮސް، ގޯސް އިހުސާސްތަކެއް ނެތް ދުޅަހެޔޮ އަދި ޕޮޒިޓިވް މާހައުލެއް އުފެއްދުމަށް. އަދި ޑްރެސިން ރޫމާއި ކުލަބުގެ ތެރޭގައި ވެސް ހަމަޖެހުން އުފައްދަން ޖެހޭކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އެންމެ ފަހު ވަގުތު އަހަރެމެން އެންމެން ވެސް ތަމްސީލު ކުރަނީ ބާސެލޯނާ." އަލްވޭސް ބުންޏެވެ.

މި ސީޒަނުގެ މިހާތަނަށް ޑެމްބެލޭ ވަނީ 11 މެޗުގައި ބާސެލޯނާ ތަމްސީލުކޮށްފައެވެ. އަދި އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް އެއް ގޯލު ޖަހާ ދެ އެސިސްޓު ހަދާފައެވެ.