ފީފާ ކުލަބް ވޯލްޑްކަޕުގައި އޭޝިއާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަތްދަށުކޮށް ޔޫޕަރުގެ ޗެމްޕިއަން ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫއޭއީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ މޮޅުވި މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ރޮމެލޫ ލުކާކޫ އެވެ.

މުބާރާތުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރަން ޖެހޭ ޓީމަކީ ބްރެޒިލްގެ ޕަލްމެއިރާސް އެވެ. މުބާރާތުގެ ފައިނަލަށް ޕަލްމެއިރާސް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގައި އެފްރިކާގެ ޗެމްޕިަން އަލް އަހްލީ 2-0 އިން ބަލިކޮށްގެންނެވެ.

މެޗުގައި ލުކާކޫ ކާމިިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ހަވެޓްޒް ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.މި ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރަން އަލް ހިލާލް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މިއީ ޗެލްސީގެ ކޯޗު ޓުޗެލްގެ ކާމިޔާބީތަކުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. އޭނާއާއި އެކު ޗެލްސީ ކުޅުނު ހުރިހާ މުބާރާތެއްގެ ފައިނަލުގައި ވެސް ވަނީ ކުޅެފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ހިމެނެއެވެ.

ޗެލްސީ މި ކާމިޔާބީ ހޯދި ނަމަވެސް އެ ޓީމުގެ ކޯޗު ޓުޗެލް އަށް ކޮވިޑު ޖެހިފައިވުމުން އޭނާ މި މެޗުން ނުފެނެއެވެ. އޭނާގެ ބަދަލުގައި ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތްކުރީ އެސިސްޓަންޓް ކޯޗު ލޯ އެވެ.