ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ހޯދި މޮޅާައެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިއާ އިން ތާވަލުގެ ދެވަނައިގައި ލީޑެއް ނަގައިފިއެވެ.

ކުލަބް ވެލެންސިއާ މި މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަަކުންނެވެ. މި ނަތީޖާއާއި އެކު ވެލެންސިއާ ވަނީ އެއްވަނައިގައި އޮތް މާޒިޔާ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ.

ވެލެންސިއާ އަދި މާޒިޔާއަށް ވެސް ޖުމްލަ މިހާރު ލިބިފައިވަނީ 12 ޕޮއިންޓެވެ. ވެލެންސިއާ މިއަދަދަށް ޕޮއިންޓް ހޯދީ މާޒިޔާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މާޒިޔާ އޮތީ ހަތަރު މެޗާއެކު އެވެ. އަދި ވެލެންސިއާ އޮތީ ފަސް މެޗާއެކު އެވެ.

މި ނަތީޖާއާއެކު ސަސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

މި މެެޗުގައި ކުލަބް ވެލެންސިއާ އިން ވަނީ 15 ދުވަހުގެ ޖަލު ހުކުމަކަށް ފަހު މިނިވަންވި އަސްހަދު އަލީ (އަަޑުބަރޭ) ވަނީ ބެންޗުގައި ހިމަނާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ކުލަބް ވެލެންސިއާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް އެވެ. އޭނާ މި ލަނޑު ޖެހީ ސަސްގެ ކޮންސަންޓްރޭޝަން ދަށްވި ދަނޑިވަޅުގެ ބޭނުން ހިފާ އޭރިއާ ތެރެއަށް ވަދެއެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ވެލެންސިއާގެ އާދަމް އިޝާމް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ޔާމިން އަދި ބޯހާސްގެ މަސައްކަތުން ލިބުނު ބޯޅައެއްގަައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސަސްގެ ހަމައެކަނި ލަނޑު މި މެޗުގައި ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަހާއު އެވެ. މިއީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ