އާސެނަލްގައި 22 އަހަރު ކޯޗެއްގެ މަގާމުގައި ހުރި އާސެން ވެންގާ އަށް ގިނަ ކާމިޔާބީތައް ލިބުނު ނަމަވެސް އޭނާ ގަބޫލު ކުރަނީ އާސެނަލްގައި ގިނަ ދުވަހު މަޑު ކުރެވުނީ އޭނާ އަށް ހެދުނު އެންމެ ބޮޑު ގޯސް ކަމުގައި ކަމަށް އޭނާ ބުނެފިއެވެ.

އާސެން ވެންގާ ބުނާގޮތުން އޭނާ 22 އަހަރު އާސެނަލް ގައި ހޭދަ ކުރެވުނީ އޭނާ އަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އެހެން ކަމުން އޭނާ މިހާރު އާސެނަލް ސިފަ ކުރަނީ އޭނާ އިތުރަށް ކުރިޔަށް ނުދެވި ބަނދުވި ޖަލެއްގެ ގޮތުގައެވެ.

އާސެނަލް ޓީމު ވަރުގަދަ ކޮށް ޓީމަށް ގިނަ ކާމިޔާބީ ތައް ހޯދައިދޭން އާސެން ވެންގާ އެތައް މަސައްކަތެއް ކުރި ނަމަވެސް އޭނާ އަށް އާސެނަލް ޓީމާއި އެކު ކުރިޔަށް ދާން ވަނީ އުނދަގޫ ވެފައެވެ. ރިއަލް މެޑްރިޑުން އަދި އިންގްލޭންޑުން ވެސް އާސެން ވެންގާ ގެންނަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ އާސެނަލްގައި މަޑުކޮށްފައެވެ.

ނިމިގެން ދިޔަ ޕްރެމިއާރ ލީގު ސީޒަނުގެ ފަހުކޮޅަށް އެޅުނު އިރު އާސެނަލްގެ ސަޕޯޓަރުން ވަނީ އާސެން ވެންގާ ޓީމުން ވަކި ކުރުމަށް ގޮވައި މުޒާހަރާ ކޮށް، މެޗު ތަކުގައި ވެސް އޭނާ ވަކި ކުރުމަށް ގޮވާލާފައެވެ. އެހެންކަމުން އާސެން ވެންގާ ބުނެފައިވަނީ، މީގެ އަހަރު ތަކެއް ކުރިން އެހެން ކްލަބަކާއި އެކު އާ ފެށުމަކުން ފެށުނު ނަމަ ރަނގަޅު ކަމަށެވެ. ނަމަވެސް އާސެނަލް އާއި އެކު ކާމިޔާބީ އެއް ހޯދުމަށް ވެންގާ ވަނީ ކްލަބުގައި މަޑުކޮށްފައެވެ،

"އަހަރެންނަކީ އެކި ކްލަބު ތަކުގައި މަސައްކަތް ކުރަން ބޭނުންވާ ކޯޗެއް، އެހެން ކަމުން އަހަރެން މީ އިތުރަށް ވާދަވެރިކަން ބޭނުންވާ ކޯޗެއް. އާސެނަލް އަކީ އަހަރެން އިތުރަށް ކުރިޔަށް ނުދެވި ބަންދުވި ޖަލެއް" އާރް ޓީ އެލް އާއި ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

އާސެން ވެންގާ އާސެނަލްގައި ހޭދަކުރި 22 އަހަރުގެ ތެރޭގައި އޭނާ ވަނީ ތިން ފަހަރު ޕްރެމިއާރ ލީގު ތަށި ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި 2003 ވަނަ އަހަރުގެ ސީޒަނުގައި އާސެނަލް ތަށި ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.