ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ބުނެފިއެވެ.
ރެއާލް މެޑްރިޑްގައި ނުވަ އަހަރު ހޭދަކުރުމަށްފަހު އުމުރުން 33 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ 99.2 މިލިއަން ޕައުންޑުގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޔުވެންޓަސް އަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާއިރު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ ޔުވެންޓަސް އަށް ގެނެސްފައިވަނީ ޗެމްޕިއަންސް ލީގު ހޯދުމަށެވެ. ރޮނާލްޑޯ އަކީ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
މި ވާހަކަތަކާ ގުޅިގެން ރޮނާލްޑޯގެ އެޖެންޓް މެންޑޭސް ބުނީ ރޮނާލްޑޯ އާއެކު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ހޯދިދާނެ ކަމަށާއި އޭނާ އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި ރޮނާލްޑޯ ވެގެންދާނީ ޔުވެންޓަސްގެ ތާރީހުގައި ވެސް ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަށް ކަމަށްވެސް މެންޑޭސް ބުންޏެވެ.
"މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުނުއިރު ވެސް ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އެ ކްލަބުތަކުގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަށެވެ. ޔުވެންޓަސްގައި ވެސް ކަންވާނީ ހަމަ އެގޮތަށް" މެންޑޭސް ބުންޏެވެ.
ޗެމްޕިއަންސް ލީގު ޔުވެންޓަސް އަށް ކާމިޔާބު ކުރެވިފައިނުވާއިރު އެ ކްލަބުން ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. ނަމަވެސް އެ ދެ ފައިނަލުން ވެސް ޔުވެންޓަސް ބަލިވިއިރު ފުރަތަމަ އެ ކްލަބު ބަލިވީ ބާސެލޯނާއާ ބައްދަލުކޮށެވެ. އަދި ދެވަނަ ފައިނަލުން ބަލިވީ ރެއާލް މެޑްރިޑާއި ބައްދަލުކޮށެވެ.
ޔުވެންޓަސް އަށް ރަސްމީކޮށް ބަދަލުވުމަށްފަހު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް އެ ކްލަބަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ.
"ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އެހީތެރިވެވޭނެ ކަމަށް އުއްމީދުކުރަން. އަދި ޔުވެންޓަސްގެ ނަސީބުގަދަ ތަރިއަކަށް އަހަރެން ވާނެ ކަމަށް ވެސް އުއްމީދުކުރަން. ޗެމްޕިއަންސް ލީގުގެ އިތުރުން އެހެން ތަށިތަކަށް އަހަރުމެން ވާދަކުރާނަން" ރޮނާލްޑޯ ބުންޏެވެ.
ޒިދާން ޔޫއެންޓާސްއަށް ކުޅުނު ދުވަސްވަރު ޗެމްޕިއަންސްލީގް ކާމިޔާބުކުރި.
ޔުވެންޓާސް އަކީ ޗެމްޕިއަންސް ލީގް ހޯދާފައިވާ ބައެއް،
ތިހެން ބުނީމަވެސް ޗެމްޕިއަންސް ލީގެއް ނުހޯދޭނެ
ތީވާނެކަމެއް ނޫން