ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމަކީ ޔުވެންޓަސް އަދި ފެއިލްވުން ނޫން ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

ޔޫރަޕުގެ ކްލަބު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ދެވަނަ ބުރުގައި އަމިއްލަ ދަނޑުގައި ކުޅެ ވިޔަރެއާލް އަތުން 3-0 އިން ބަލިވެ ޔުވެންޓަސް ވަނީ މުބާރާތާ އަލްވަދާއު ކިޔައިފައެވެ. މިއީ މުބާރާތުގެ މި ހިސާބުން ޔުވެންޓަސް ޖެހިޖެހިގެން ކަޓައިގެން ދިޔަ ތިންވަނަ ފަހަރެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އަލެގްރީ ބުނީ މިވަގުތު ޔޫރަޕުގައި އޭނާގެ ޓީމަށްވުރެ މޮޅު 10 ވަރަކަށް ޓީމު އެބައޮތް ކަމަށެވެ. އަލެގްރީ ބުނީ އެއީ ލަދުވެތިކަމެއް ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށެވެ.

"ޔޫރަޕުގައި އަހަރެމެންނަށްވުރެ ރަނގަޅު ލެވެލް އެއްގައި އޮތް 10 ވަރަކަށް ޓީމު އެބައޮތް. މިއީ ލަދުވެތިކަމެއް ނޫން. މިއީ ހަގީގަތް. އެހެންކަމުން އަހަރެމެން ކަޓައިގެން ދިއުމަކީ އަދި ފައިލްވުމޭ ބުނެވޭކަށް ނެތް. މި މެޗުގެ 75 ވަނަ މިނެޓާ ޖެހެންދެން އަހަރެމެން މޮޅަށް ކުޅުނިން. ވިޔަރެއާލުން ދެވަނަ ހާފުގައި ކުރި ކަމަކީ ޑިފެންޑު ކުރުން. އެމީހުންނަށް ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުން ހިފީ. ފުޓްބޯޅަ އަކީ އެކަހަލަ އެއްޗެއް. އެންމެ އެޕިސޯޑަކުން ވެސް ހުރިހާ ކަމެއް ބަދަލުވޭ،" އަލެގްރީ ބުންޏެވެ.

އަލެގްރީ އަކީ ޔުވެންޓަސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. އޭނާ ވަނީ އެ ޓީމާއެކު 11 ތަށި އުފުލާލައިފައެވެ. އޭގެ ތެރެއިން ފަސް ތައްޓަކީ އިޓާލިއަން ލީގެވެ. އަލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ވަނީ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ބަލިވެފައެވެ.

ޔުވެންޓަސްގެ ކޯޗުކަމުން 2019 ގައި ވަކިވުމަށްފަހު ދެވަނަ ފަހަރަށް އަލެގްރީ އެ ކްލަބާ ހަވާލުވީ މިދިޔަ އަހަރު އެވެ. ޔުވެންޓަސް ގޮވައިގެން ފުރަތަމަ ޓާމުގައި ނެރުނު ނަތީޖާތައް އަދި މިހާތަނަށް އަލެގްރީ އަށް ތަކުރާރުކުރެވިފައި ނުވާއިރު މިސީޒަނުގެ ޗެމްޕިއަންސް ލީގުން ކެޓުމުގެ އިތުރަށް ލީގުގައި އެ ޓީމު އޮތީ އެއްވަނައިގައި އޮތް މިލާނަށް ވުރެ 7 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ.