ލިވަޕޫލް އަށް ބަދަލުވީ ބާސެލޯނާ އާއި ބަޔާން މިއުނިކް ފަދަ ކްލަބުތަކަށް ނޫނެކޭ ބުނުމަށްފަހު ކަމަށް އެ ކްލަބާއި ދާދިފަހުން ގުޅުނު ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ކެއިޓާ ލިވަޕޫލް އަށް ބަދަލުވީ ޖަރުމަނުގެ ރެޑްބުލް ލީޕްޒިގުން 48 މިލިއަން ޕައުންޑުގެ އަގަކަށެވެ. ކެއިޓާ ގެނައުމަށް ލިވަޕޫލްގެ އިތުރުން ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކްލަބުތަކުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.

އިނގިރޭސިވިލާތުގެ "ގާޑިޔަން" ނޫހަށް ދިން އިންޓަވިއުއެއްގައި ކެއިޓާ ބުނީ އޭނާ ގެނައުމަށް ބާސާ އާއި ބަޔާން ފަދަ ކްލަބުތަކުން ޝައުގުވެރިވި ކަމަށާއި ލިވަޕޫލް އަށް ބަދަލުވުމުގައި އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕްގެ ދައުރު ބޮޑު ކަމަށެވެ.

"ތެދު ވާހަކައެއް އަހަރެން ގެނައުމަށް ބާސާ އާއި ބަޔާން ފަދަ ކްލަބުތަކުން ވެސް ޝައުގުވެރިވި. އެކަމަކު ލިވަޕޫލް އަށް އަހަރެން ބަދަލުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ކްލޮޕް. އަހަރެން ކްލޮޕް އާއެކު ވަރަށް ގިނައިން ވާހަކަ ދެއްކިން. އެގޮތުން ލިވަޕޫލްގެ ޕްރޮޖެކްޓާއި ގުޅޭގޮތުން ކްލޮޕް ދެއްކި ވާހަކަތަކުގެ ސަބަބުން ގޮތެއް ނިންމަން ވަރަށް ފަސޭހަވި. ކްލޮޕްގެ އެ ވާހަކަތަކުން ކްލަބު އިތުރަށް ކުރިއަރައިގެން ދާނެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް ސިފަވި" ކެއިޓާ ބުންޏެވެ.

ކްލޮޕްގެ އިތުރުން ލިވަޕޫލް އަށް ބަދަލުވުމުގެ ކުރިން އެ ކްލަބަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއާ ވެސް މަޝްވަރާކުރި ކަމަށް ކެއިޓާ ބުންޏެވެ. މާނޭ ވަނީ ކެއިޓާ އެކު މީގެކުރިން ރެޑްބުލް ސަލްޒްބާގް އަށް ކުޅެފައެވެ.

"މާނޭ އަކީ އަހަންނަށް ބޭބެ އެއް ފަދަ މީހެއް. އެކީގައި މީގެކުރިން ކުޅެފައިވުމުން މާނޭއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮވޭ. ލިވަޕޫލް އަކީ ކިހާވަރެއްގެ ކްލަބެއް ކަމާއި އަދި ކްލަބު ކުރިއަރައިގެން ދާގޮތް މާނޭ އަހަންނަށް ކިޔައިދިން" ކެއިޓާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް އިން ވާދަކުރިއިރު އަންނަ ސީޒަނަށް އެ ކްލަބުން ވަނީ ސްކޮޑު އިތުރަށް ވަރުގަދަކޮށްފައެވެ.

އެގޮތުން މިފަހަރުގެ ޓްރާންސްފާގައި ކެއިޓާގެ އިތުރުން މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އާއި ސްޓޯކް ސިޓީ އަށް ކުޅެމުން އައި ސްވިޒަލޭންޑްގެ ވިންގާ ޝަގީރީގެ އިތުރުން ރޯމާ އަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ލިވަޕޫލް އަށް ގެނެސްފައެވެ.